ކޮވިޑް- 19ގެ ނުރައްކާތެރިކަމުން ދުނިޔެއަށް ހަށިފޮޅާލާ ހަމަ ނޭވައެއް ލެވިދާނެ ކަމުގެ އުންމީދު އާވާން ފެށުމާއެކު އިވިގެން ދިޔައީ ކޮވިޑުގެ މުޅިން އާ ބާވަތެއް ސައުތު އެފްރިކާއިން ފެނުނު ވާހަކަ އެވެ. ސައުތު އެފްރިކާއިން މި ވައިރަސް ފާހަގަވުމާއެކު ޑަބްލިޔޫއެޗްއޯ އިން އެއަށް އޮމިކްރޯންގެ ނަމުން ނަންދިނެވެ.
އޮމިކްރޯން ވައިރަސް ސައުތު އެފްރިކާއިން ފާހަގަވުމާއެކު ކުރެވުނު ޓެސްޓުތަކުން އެނގުނު ގޮތުގައި އޭރު ވެސް އެފްރިކާ ބައްރުގެ ދެކުނުގެ ގިނަ ގައުމު ތަކަކަށް އެބަލި އޮތީ ފެތުރިފަ އެވެ. އެ ހިސާބުން ވައިރަސް ފެތުރޭ މިންވަރު ހަލުއިކަން ފާހަގަކޮށް ދުނިޔޭގެ ގައުމުތަކުން އެފްރިކާއާ ދަތުރުފަތުރުގެ ގުޅުން ކަނޑާލިކަމަށް ވިޔަސް މުޅި ދުނިޔެއަށް އޮމިކްރޯން ފެތުރެން މާގިނަ ދުވަހެއް ނުނެގި އެވެ. ޔޫރަޕާއި އެމެރިކާ އާއި އޭޝިއާގެ ހުރިހާ ހިސާބަކަށް މިހާރު މި ވައިރަސް ވަނީ ފެތުރިފަ އެވެ. އެހެންކަމުން ވައިރަހާ ދޭތެރެ އުފެދޭ ސުވާލުތައް ގިނަ އެވެ.
ޑަބްލިޔުއެޗްއޯގެ ޑޮކްޓަރެއް ކަމަށްވާ ޑރ. މާރިއާ ވެންކަޚޯވް ވިދާޅުވާގޮތުގައި އޮމިކްރޯންއަކީ އާދަޔާ ޚިލާފު ބާރު މިނެއްގައި ފެތުރޭ ވައިރަހެއްކަން ޔަގީނެވެ. މި ވައިރަހުގެ އެންމެ ނުރައްކާތެރިކަމަކީ ވެސް އެއީ އެވެ. އެހެން ނަމަވެސް މި ވައިރަހުން ކޮވިޑު ޖެހޭ މީހުން ވަކި އިތުރަށް ބަލިވާކަމުގެ މާބޮޑު ހެއްކެތް މިހާތަނަކަށް ލިބިފައެއް ނުވެ އެވެ. އަދި އޮމިކްރޯން ވޭރިއަންޓުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހޭ މިންވަރު އިތުރުވާކަމުގައި ވެސް މިހާތަނަށް ހޯދިފައިވާ ޑޭޓާތަކަށް ބަލާ އިރު ނުފެންނަ ކަމަށް ވެސް ޑރ. ވެންކަޚޯވް ޑަބްލިޔުއެޗްއޯގެ ޕޮޑްކާސްޓެއްގައި ވާހަކަދައަކަވަމުން ވިދާޅުވި އެވެ.
ހަގީގަތުގައި ކޮވިޑުގެ ތަފާތު ބާވަތްތަކެކޭ އޮމިކްރޯނުން ކުރިމަތިވާ އަލާމާތްތަކާއި ބަލިވާ ބަލިވުމުގައި މާބޮޑު ތަފާތެއް ނެތެވެ. ސިއްހީ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އޮމިކްރޯންގެ ބާރު ކުރީގެ ކޮވިޑުގެ ބާވަތްތަކަށް ވުރެ ދަށެވެ. މިކަން ފާހަގަ ކުރައްވައި ރަޝިޔާގެ ރައީސް ޕޫޓިން ސިފަކުރެއްވި ގޮތުގައި އޮމިކްރޯނަކީ ކޮވިޑު 19 އިގެ ގުދުރަތީ ވެކްސިނަކަށްވުމަކީ ވެސް ވަރަށް ގާތް ކަމެކެވެ. ސަބަބަކީ ވެކްސިނަކީ ވެސް ވަސިރަހުގެ ބާރު ދަށްކޮށްފައި ހަށިގަނޑަށް ދޫކޮށްގެން ބަލީގެ ދިފާއީ ނިޒާމު އުފެއްދުން ކަމަށްވެފައި އޮމިކްރޯން އިން ވެސް އެފަދައިން މަސައްކަތް ކޮށްފާނެކަމަށް ބެލެވުމެވެ.
ރައީސް ޕޫޓިން މިމޭރުމުން ވާހަކަ ފުޅު ދެއްކެވީ ބައެއް ސިއްހީ މާހިރުންގެ ވާހަކަތަކާ ހަވާލާ ދެއްވަ އެވެ.
އޮމިކްރޯންގެ ބާރު ދަށްކަމުގައި ވިޔަސް އޭގެ ނުރައްކާ ބޮޑުވާ ސަބަބަކީ ފެތުރޭ މިންވަރު އަވަސް ކަމެވެ. އަވަހަށް ފެތުރުމުގެ ހައި ރިސްކް ކެޓަގަރީގައި ހިމެނޭ ބޮޑެތި ބަލިތަކުގެ މިހުންނާއި މުސްކުޅިންނަށް ބަލި ޖެހޭ މިންވަރު އިތުރުވުމުގެ ސަބަބުން ހޮސްޕިޓަލުން ފަރުވާ ހޯދާ މީހުން ގިނަވެ ހޮސްޕިޓަލްތަކަށް ބާރު ބޮޑު ވާނެ އެވެ. ނަތީޖާއެއްގެ ގޮތުން ބޭނުންވާ ފަރުވާ ނުލިބި މީހުން މަރުވުމުގެ ފުރުސަތު ބޮޑުވާނެ އެވެ. މިހާތަނަށް ވެސް ދުނިޔޭގެ އެކި ގައުމުތަކުން ވަނީ އޮމިކްރޯން ވައިރަހާ ގުޅުން ހުރި މީހުން މަދުން ނަމަވެސް މަރުވެފަ އެވެ.
ޑަބްލިޔޫ އެޗްއޯއިން ލަފާ ދޭ ގޮތުގައި މިކަމަށް އޮތް ހައްލަކީ ކުރިން ވެސް ގެންގުޅުނު ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުއްޓާނުލާ ކުރިޔަށް ގެންދިއުމެވެ. މީގެ އިތުރުން ވެކްސިން ޖެހުމަކީ ޑަބްލިޔުއެޗްއޯ އިން ވަރަށް ބޮޑަށް އެދޭ ކަމެކެވެ.
ވެކްސިނަކީ ކޮވިޑް ޖެހުމުން އެ ބަލީގައި ބޮޑުވަރު ނުވެ ސަލާމަތް ވުމަށް އޮތް ހަމަ އެކަނި ފިޔަވަޅެވެ. ކޮވިޑް 19 އަށް ދިނުމަށް މިހާތަނަށް ބޭނުން ކުރާ ވެކްސިންތަކުން އޮމިކްރޯނާ ދެކޮޅަށް މަސައްކަތް ކުރަނީ ކިހާ މިންވަރަކަށް ކަން އަދި މުޅިން ޔަގީނެއް ނުވެ އެވެ. ނަމަވެސް ކަމާ ބެހޭ މާހިރުންނަށް ޔަގީން ކަމާއެކު ބުނަން އެނގެނީ މިހާތަނަށް ހޯދިފައިވާ ހޯދުންތަކާއި ލިބިފައިވާ ކުރިއެރުންތަކަށް ބަލާއިރު ކޮވިޑާ ދެކޮޅަށް ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ވެކްކްސިން ޖެހުމެވެ. އެކަމުގައި އޮމިކްރޯން ވޭރިއަންޓް ވެސް ވަކި ތަފާތެއް ނުވެ އެވެ.