ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ އާ އިމާރާތް އަޅަން ހުޅުމާލެއިން ބިމެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ދީފި އެވެ.

މަތީ ސާނަވީ ތައުލީމުދޭ ސަރުކާރުގެ ސްކޫލް އަޅަން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ބިން ދޫކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.

އެޗްޑީސީން ބުނީ ސީއެޗްއެސްއީގެ އާ އިމާރާތް އަޅަން 2،406.57 އަކަފޫޓުގެ ބިމެއް ދިނީ އައުޓްޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ ބިއްދޮށުގައި އޮންނަ އެކަޑެމިކް ޑިސްޓްރިކްއިން ކަމަށެވެ.

މާލޭގައި ސީއެޗްއެސްއީ ހިންގާ ތަނުގައި އިމާރާތުގެ ދަތިކަން ކުރިމަތިވެ، ކުދިންނަށް ޖާގަ ދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތާ އެތައް އަހަރެއްވަނީ ވެފަ އެވެ.

ސީއެޗްއެސްއީގެ އާ އިމާރާތް ހެދުމަށް ހުޅުމާލެއިން ބިން ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރަނީ. ފޮޓޯ: އެޗްޑީސީ

މާލޭގައި މަތީ ސާނަވީ އަށް ކިޔަވައިދޭ ސަރުކާރުގެ ހަމަ އެކަނި ސްކޫލު ހުޅުމާލެ އަށް ބަދަލުކޮށް، ކިޔަވައިދޭން ފަށާނީ އެނގިފައިވާ ގޮތުގައި 2022 ވަނަ އަހަރެވެ. އެހެންވެ، އަންނަ މާޗު/އޭޕްރީލް މަހު އެ ސްކޫލުގައި އޭ ލެވެލަށް ކިޔަވަން ފަށާ ދަރިވަރުންނަކީ، މިހާރުގެ އިމާރާތުގައި ކިޔަވާނެ އެންމެ ފަހު ބެޗެވެ.

ސީއެޗްއެސްއީ ހުޅުމާލެ އަށް ބަދަލުކުރަން ނިންމިއިރު، އެތަނުގައި އަށް ބުރީގެ އިމާރާތެއް އަޅަން 33 މިލިއަން ރުފިޔާއަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ އެޑިއުކޭޝަން މިނިސްޓްރީން އޮކްޓޫބަރު 17، 2019 ގައި ހަވާލުކުރި އެވެ. ނަމަވެސް އެ އިމާރާތް އެޅުމުގެ މަސައްކަތްތައް މިހާރު ވަނީ ހުއްޓާލައިފަ އެވެ.

މީގެ 41 އަހަރު ކުރިން ކިޔަވައިދޭން ފެށި ސީއެޗްއެސްއީގައި މިވަގުތު 21 ކްލާސްރޫމް އެބަހުއްޓެވެ.