އާދައިގެ މަތިން އެ ދުވަހު ވެސް ފާޒިރާއަށް ހޭލެވުނީ ފަތިސް ނަމާދަށް ބަންގި ގޮވި އަޑަށެވެ. ތެދުވެ ފެންވަރައި ނަމާދުކޮށްގެން ހެނދުނުގެ ނާސްތާ ތައްޔާރުކުރަން އަވަސްވެގަތީ އެއީ ރަށުގެ ބޮޑުމަގު ކުނިކަހަން އަންހެނުންނަށް އަންގާފައި އޮތް ދުވަހަކަށް ވާތީ އެވެ. ހިނގަމުންދަނީ ސްކޫލްގެ ބޮޑު ޗުއްޓީ ކަމަށްވުމާއެކު ދަރިންކޮޅު އަވަހަށް ނުހޭލާނެކަން އޭނާއަށް ރަނގަޅަށް އެނގެ އެވެ.
އެހެންކަމުން މޭޒުމައްޗަށް ނާސްތާ ތައްޔާރުކުރުމަށްފަހު ބޮޑުމަގު ކޮޅަށް ދާން އޭނާ ހިނގައިގަތީ އަވަށްޓެރި މަދީހާ ގެއަށް އައުމުން ދެމީހުން އެކުގަ އެވެ. މަސައްކަތުގައި އުޅުމަށްފަހު ފިރިމީހާ ސައިބޯން އަތުވެދާނެތީ އޭނާއަށް ބޭނުންވާނެ ހުރިހާ ކަމެއް ކޮށްދީފަ އެވެ. އޭރު ގަޑިން އަށެއް ޖަހަން އުޅެނީ އެވެ. ކުނިކަހަން އޮތް ހިސާބަށް ދެވުނުއިރު އެތަނުގައި ދެތިން މީހަކު ނޫނީ ނޫޅެ އެވެ.
"މިއަދު މަށަށް ހީވޭ އެބަ ފާޑަކަށް ބިންގަނޑު ގުނޑާހެން،" އިލޮށިފައްޗާއެކު ގުދުވެގެން އޮތް ޝިހާމާ ތެދުވަމުން ބުނެލި އެވެ.
"މަންޖެ ރޭވެސް މާފުށް މޮޑެގެން ކެއީ ދޯ! އޭގެ އަލާ ނުފިލައިގެން ތިއުޅެނީ!" ހިނިގަނޑަކާއެކު މަދީހާ ބުނެލި އެވެ.
"މަށަށް ވެސް ހީވި ތިކަހަލަ ކަމެއް އުޅޭހެން.. ރޭ ރަނގަޅަށް ނުނިދުނީ ތޯއެއްޗެއް،" އެއްކުރި ކުނިތައް މުޅޯއްޓަށް އަޅަމުން ފާޒިރާ ވެސް އެ ވާހަކައިގައި ބައިވެރިވެލި އެވެ.
ކުނި ކަހާ ނިންމާލުމަށްފަހު ތިން އަންހެނުން ގެއަށް ދާން ހިނގައިގަތީ ރަށަށް މަސް ކިރައިފިނަމަ އެރޭ މަސް ފިހަން ނިންމައިގެންނެވެ. އެއީ ދޭތެރެ ދޭތެރެއިން އެ ރަޙުމަތްތެރިން ކުރާކަމެކެވެ. ރަށުތެރެއަށް އަރައިގެން އައިއިރު މީހުންތައް އެކި ކޮޅުކޮޅު މައްޗަށް ދުވާތަން ފެނެ އެވެ. ކުދި ދަރިންތައް އުރަށް ޖަހައިގެން އެމީހަކަށް ދެވުނު ދިމާލަކަށް ދާތަން ފެނުނެވެ. ވެގެން އުޅޭގޮތް އެނގުނީ ދުވެފައި ދިޔަ މީހަކު ބޮޑު ރާޅެކޭ ކިޔާ ހަޅޭއްލަވައިގަތުމުންނެވެ.
އެއާއެކު ރަށުގެ އިރުމަތި ފަރާތުން މީހުންތަކާއި ފާރުތަކުގެ ބެރިތައް އޮޅަމުން އަރައިގެން އައި ފެންގަނޑު އެމީހުންގެ ލޮލުގައި އަޅައިގަތެވެ. ފާޒިރާގެ ދެލޯ ތަންމިނަށް ބޮޑުވި އެވެ. ދަރިންކޮޅު ތިބޭނީ ގޭގައި ނިދާފަ އެވެ. އަތުގައި އޮތް އިލޮށިފައްޗާއި މުޅޯށި އަތުކޮޅަށް ހޫރާލުމަށްފަހު އޭނާ ދުއްވައިގަތީ ގެއާ ދިމާލަށެވެ.
ގެއާ ހަމައަށް ދެވުނު އިރު ފެނުނު މަންޒަރުން އޭނާގެ ހިތް ކުދިކުދިވި އެވެ. މުޅި ހިސާބުގަނޑު އޮތީ ވީރާނާވެފަ އެވެ. ގެތައް ބިމާ ހަމަވެ ހިފާ ގެންގުޅޭ ތަކެތި މަގުމަތީގައި އޮޔާދެ އެވެ. ގެއަށް ވަދެގެން އައިއިރު ފެންނަމުން ދިޔައީ އުމުރު ދުވަހުގެ މަސައްކަތުން އެދެމަފިރިން ހޯދި ދިރިއުޅުން ވިއްސިވިހާލި ވެފައިވާ ތަނެވެ. ދަލާއި ލޭ އޮހޮރުވައިގެން އިމާރާތްކުރި ގެ ދިރިނޫޅެވޭ ވަރަށް ވީރާނާ ވެފައިވާ މަންޒަރެވެ. ވެއްޓިފައިވާ ގާތަކާއި ބެރިތަކުގެ ތެރެއިން ކޮރަމުން ކުދިންކޮޅު ނިދާފައި ތިބި ކޮޓަރިއާއި އަރާ ހަމަވުމާއެކު އޭނާގެ ހިތަށް ބިރުވެރިކަން ވެރިވެގަތެވެ.
ތިން ކުދިންގެ ތެރެއިން އެންމެ ކުއްޖެއްވެސް ފެންނަން ނެތް އިރު އެކުދިން ނިދާފައި ތިބި އެނދުވެސް އޮޔާ ގެންގޮސްފައިވާކަން އެނގެ އެވެ. އިޚުތިޔާރަކާ ނުލާ އޭނާއަށް ރޮއިގަނެވުނެވެ. އެގެއަކީ ރަށުގެ އެންމެ އަތިރިއަށް ހުރި ގެއަކަށްވުމުން ގަތް ބިރު ވަކިން ބޮޑުވި އެވެ. ދަރިންކޮޅު ބީވެގެން ހިނގައިދާނެ ކަމުގެ އިޙްސާސް ކުރެވުމާއެކު އޭނާގެ ހިތް ފަޅައިގެން ދިޔަ ކަހަލަ އެވެ. މަގޭ ދަރިންކޮޅޭ ކިޔައި ދުއްވައިގަނެވުނީ އަތިރި މައްޗާއި ދިމާ އަށެވެ. އަމިއްލަ ފުރާނައަށް ފަރުވާލެއް ނެތި އޭނާ މަސައްކަތް ކުރީ ދަރިންކޮޅު ސަލާމަތުން ހޯދޭތޯއެވެ. އަތިރި މަގަށް ނުކުންނަން އެޅި ފިޔަވަޅު ހުއްޓުނީ އިވުނު އަޑަކުންނެވެ.
"މަންމާ!" ގޭގެ ހިރުނދު ގަހަށް އަރާ އޮތް ދިހަ އަހަރުގެ ފައުޒާން ގަހުން ފައިބަމުން ގޮވާލި އެވެ. އޭނާ އައިސް ހަމަވުމާއެކު ފާޒިރާއަށް އޭނާގެ ގައިގައި ބައްދައިގަނެވުނެވެ.
"ކޮބާ ކޮއްކޮމެން؟" ފާޒިރާއަށް ފުރަތަމަ ވެސް އަހާލެވުނީ އެ ސުވާލެވެ.
"ނޭނގެ... ފިރޫ އަތިރިމައްޗާ ދިމާއަށް އޮޔާ ގެންދަނިކޮށް ދުށިން." ރޮވިފައި ހުރި ފައުޒާން ޖަވާބު ދިނެވެ.
ދެމައިންނަށް އެކުގައި ކަހަލަ ގޮތަކަށް އަތިރިއަށް ދުއްވައިގަނެވުނީ ދެނެވެ. ދެންތިބި ދެކުދިންގެ ހިލަމެއް ވޭތޯ އަތިރިމަތީގެ އެކި ދިމަދިމާއަށް ފާޒިރާ ދުވީ ފައުޒާން އަތުލަފި ކޮށްގެންނެވެ. ހިނދުކޮޅަކަށްވެސް އޭނާއާއި ދުރުކުރަން ބޭނުން ނުވާތީ އެވެ. ތަންކޮޅެއް ދުރުން ރަށުގެ ގޮންޑޮޅީގައި ހުރި ގަސްބުޑެއްގައި ބައްދައިގެން އޮތް ފިރުޝާ އޭނާގެ ލޮލުގައި އަޅައިގަތީ އެގޮތަށް ދުވާތާ އިރުގަނޑެއް ވީ ފަހުންނެވެ.
ފައުޒާންގެ އެހީއާއިއެކު ފިރުޝާ އެއްގަމަށް ނެގުމުން ފާޒިރާގެ ގައިގައި އޭނާ އޮޅުލައިގަތީ ރޮއިގަންނަމުންނެވެ. ފާޒިރާ ވެސް އޭނާގެ ދަރިފުޅުގެ މޫނާއި އަތުގައި ބޮސްދިނީ އެކުއްޖާ ސަލާމަތުން ހުރި ކަމުގެ ތަސައްލީއާއެކުގަ އެވެ. އެންމެ ހަގު ދަރިފުޅު އުރަށް ޖަހައިގެން ހާމިދު އައިސް އެތަނުގައި ހުއްޓުނީ އެވަގުތު އެވެ. އާއިލާ އެއްތަންވީ އެވެ. ފާޒިރާއަށް މޫނުގައި ޙަމްދު އެޅުނީ ލިބުނު ހިތްހަމަ ޖެހުމާއެކީގަ އެވެ.
އޭރު އެ ބިޔަ ރާޅު ރަށް ދޮވެލުމަށްފަހު ފައިބައިފި އެވެ. މުޅި ތަނަށް ވެރިވެފައިވަނީ ބިރުވެރި ހިމޭން ކަމެކެވެ. އެއްބަޔަކު ފާރުތަކުގެ ދަށުވެފައި ތިބި މީހުން ސަލާމަތް ކުރުމުގައި އުޅުނުއިރު އަނެއް ބައަކު އެބައެއްގެ އާއިލާތަކާއި ބައްދަލުވޭތޯ ދުވަމުން ދިޔަ އެވެ. ފާޒިރާއާއި އޭނާގެ އާއިލާ ކޮނޑާއި ކޮނޑު ޖައްސައި އަތިރިމަތީގައި ތިބިއިރު ކުރިމަތިން ފެންނަމުން ދިޔައީ އެމީހުންގެ ވީރާނާ ވެފައިވާ ދިރިއުޅުމެވެ. ބޯމަތީގައި ހިޔާވަހިކަމެއް ނެތި އެމީހުން ތިބީ ހަދާނެ ގޮތް ހުސްވެފަ އެވެ. ގާތަކާއި ބެރިތަކުގެ ދަށުގައި ފުނޑުފުނޑުވެ އެދިޔައީ އެ އާއިލާގެ އެތައް އުއްމީދުތަކެކެވެ. ހިނދުކޮޅެއްގެ ތެރޭގައި ފަނާވެ އެދިޔައީ އެތައް ދުވަހެއްގެ މިންނަތުން ބިނާކުރި ހުވަފެން ތަކެކެވެ. ނަމަވެސް އެ ތޫފާނުން ގެއްލުމެއް ނުލިބި އާއިލާ ސަލާމަތްވީތީ ފާޒިރާގެ ދެމަފިރިން ﷲގެ ހަޟްރަތަށް ޝުކުރު ކުރި އެވެ.
އިސާހިތަކު ސަރުކާރުން ފޮނުވި ރެސްކިއު ޓީމް އެއާއިލާ އާއި ބައްދަލުކޮށްފި އެވެ. ރައްކާތެރިކަމާއެކު އަތޮޅުގެ އެހެން ރަށަކަށް ދިއުމަށްޓަކައި ދޯންޏަށް އެރިއިރު މަދީހާ އާއި ޝިހާމާ އެމީހުންގެ އާއިލާއާއިއެކު ދޯނީގައި ތިއްބެވެ. އެންމެންގެ މޫނުތައްވެސް ވަނީ މިލާ މޯޅިވެފަ އެވެ. އެންމެންގެ ހިތުގައިވެސް ވަނީ އެންމެ ޚިޔާލެކެވެ.
އެދުވަހަށްފަހު ދިރިއުޅުން އާބާދު ކުރާނީ ކިހިނެއް ހެއްޔެވެ؟ އާ ފެށުމަކުން ފަށައި އާއްމު ދިރިއުޅުމަށް ރުޖޫޢަ ވެވޭނީ ކޮން ދުވަހަކުން ހެއްޔެވެ؟ އާއެކެވެ. 26 ޑިސެމްބަރަކީ އެއިން އެކަކުގެވެސް ހިތުން ފިލައިގެން ދާނެ ދުވަހެއް ނޫނެވެ. އެއީ އުޅެމުން އައި އުފާވެރި ދިރިއުޅުން އެފުށް މިފުށަށް ޖަހާލި ބަނަ ދުވަހެކެވެ. އެތައް ފުރާނައެއް ގެއްލި ގިނަ އާއިލާތަކަކަށް ހިތްދަތިކަން ގެނައި ބަދުނަޞީބު ދުވެހެކެވެ. އެތައް އަހަރެއް ފާއިތުވެ ދިޔަސް އެދުވަހުގެ ހަނދާންތައް އެމީހުންގެ ހިތުގައި ބިންވަޅު ނެގިފައި ހުންނާނެކަން ޔަގީނެވެ.