ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭޚް ޙަސީނާ ވާޖދު ރާއްޖެއަށް ކުރެއްވި ރަސްމީ ޒިޔާރަތަކީ ފާހަގަ ކޮށްލެވޭ މުހިންމު ޒިޔާރަތެކެވެ. ބަންގްލަދޭޝަކީ 1971 ވަނަ އަހަރު އުފެދުނު ގައުމެކެވެ. އޭރު ރާއްޖެ އިންގިރޭސިންގެ އަތުން މިނިވަންވިތާ ހަ އަހަރު ވެއްޖެ އެވެ. އިންޑިޔާ ކަނޑުގައި މުސްތަގިއްލު ގައުމެއްގެ ގޮތުގައި އަމިއްލަ ވެރިކަމަކާއި އާދަކާދަތަކެއް ދިވެހިން ގެންގުޅޭތާ އޭރު ވަނީ އެތައް ސަތޭކަ އަހަރެއްވެފަ އެވެ.

ބަންގްލަދޭޝްގެ އުމުރުން 50 އަހަރު ފުރުނު އަހަރު އެގައުމުގެ ބޮޑުވަޒީރު ރާއްޖެ ޒިޔާރަތް ކުރެއްވިއިރު ދިވެހި ދައުލަތުގެ ބަޖެޓަށް ބޭނުންވާ މިންވަރަށް ފައިސާ ނެތުމުގެ ސަބަބުން ބަންގްލަދޭޝް އިން މިވަނީ ރާއްޖެއަށް އެހީވާން ޖެހިފަ އެވެ.

ޝޭޚް ހަސީނާގެ މި ޒިޔާރަތުގައި ރާއްޖެއަށް ގިނަގުނަ އެހީތަކެއް ވެދެއްވާ ކަމުގައި ސަރުކާރުން އަންނަނީ ބުނަމުންނެވެ. ބަންގްލަދޭޝްއިން ރާއްޖެއަށް ވެދޭ އެހީތެރިކަމަކީ ދެ ސަރުކާރުގެ މެދުގައި ދެކެވޭ ވާހަކަތަކަކަށް ވީކަމުގައި ވިޔަސް ހަސީނާގެ ދަތުރުފުޅުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ތަގުރީރަކީ ދިވެހި ރައްޔިތުންނާ މުޚާތަބުކުރައްވައި އެކަމަނާ ދެއްކެވި ވާހަކަފުޅެއްކަމުން އެ ވާހަކައިގެ ފޮނިތޮށި ކާފޫރުރުތޮޅީގެ މީރުކަން ވަޒަން ކޮށްލަން ދިވެހިންނަށް ވަނީ ލިބިފަ އެވެ.

ހަސީނާގެ ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައި ލެއްވީ ޕާކިސްތާނުގެ އަނިޔާވެރިކަމުގެ މައްޗަށެވެ. ޕާކިސްތާނު ސިފައިން ބަނގްލަދޭޝްގެ ރައްޔިތުންނަށް އަނިޔާކޮށް ގަތުލުކުރި ވާހަކަ އެވެ. އެކަމަނާގެ ބައްޕާފުޅު ޝޭޚު މުޖީބުއް ރަހުމާނު މިނިވަންކަމަށް މަސައްކަތް ފެއްޓެވުމުން ޕާކިސްތާނުގެ ޖަލުގައި ބަންދުކުރި ވާހަކަ އާއި އެންމެ ފަހުން އެކަމަނާގެ ބައްޕަފުޅާއި މަންމާ ފުޅާއެކު މުޅި އާއިލާ ގަތުލުކޮށްލެވުނު ލޭ އޮހޮރުވުމުގެ ވާހަކަ އެކަމަނާ ރާއްޖޭގެ ރައްޔިތުންނާ ހިއްސާ ކުރެއްވި އެވެ.

ސުވާލަކީ 50 އަހަރުގެ ކުރީގެ ވާހަކައެއް ތަކުރާރު ކުރައްވައި އަވަށްޓެރި މުސްލިމު ގައުމެއްގެ އަގު ވެއްޓޭ ގޮތަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި އެކަމަނާ ދެއްކެވުމުގެ ބޭނުންފުޅަކީ ކޮބައިހެއްޔެ؟ މި ސުވާލުގެ ޖަވާބު އެކަމަނާގެ ތަގުރީރުން ވަރަށް ސާފުކޮށް ލިބެން އެބައޮތެވެ.

ބަންގްލަދޭޝްއަކީ އިނގިރޭސިން އިންޑިޔާއިން ފައިބައިގެން ދަމުން އިންޑިޔާ ދެބަޔަކަށް ބަހައި މުސްލިމުނަށް ޕާކިސްތާނުގެ ނަމުގައި ވަކި ގައުމެއް އުފައްދައި ދިންއިރު ޕާކިސްތާނުގެ ބައެކެވެ. ޕާކިސްތާން އުފެދުނީ އިންޑިޔާގެ މުސްލިމުންނަށްޓަކައެވެ. ޔޫރަޕްގެ ގިނަ ލިޔުންތެރިން ލިޔުއްވާ ގޮތުގައި ޕާކިސްތާނަކީ ދީނަކަށްޓަކައި ދުނިޔޭގައި އުފެދުނު ހަމަ އެކަނި ގައުމެވެ.

ޕާކިސްތާން މުސްލިމު ގައުމެއްގެ ގޮތުގައި ވުޖޫދަށް އައުމަކީ މުސްލިމުންނާ ދެކޮޅު ހިންދޫންގެ އިންޑިޔާއަށް ހިތް ފަސޭހަ ކަމަކަށް ނުވި އެވެ. ނަތީޖާއެއްގެ ގޮތުން ޕާކިސްތާން ބަލިކަށި ކޮށްލުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރެވޭތޯ އިންޑިޔާއިން އޮތީ ބަލަބަލަ އެވެ.

ޕާކިސްތާން އުފެދުނުއިރު އޮތީ ހުޅަނގު ޕާކިސްތާނާ އިރުމަތީ ޕާކިސްތާނެއްގެ ގޮތުގަ އެވެ. އިރުމަތީ ޕާކިސްތާނަކީ އީސްޓް ބެންގޯލް އެވެ. އެތަނުގެ ރައްޔިތުންގެ ބަހާއި އާދަކާދަޔާ ސަގާފަތަކީ މުޅިން ތަފާތު އެއްޗެކެވެ. އެހެންކަމުން އެމީހުން ދިމާވި ހިތްހަމަ ނުޖެހުންތަކެއްގައި ޕާކިސްތާނުން ވަކިވެ މިނިވަން ގައުމެއް އުފެއްދުމުގެ ވިސްނުން ބަންގްލަދޭޝްގެ ސިޔާސީ ވެރިން ގެންގުޅެން ފެށި އެވެ. މިކަމުގައި އިންޑިޔާގެ އެހީތެރިކަން ލިބުނެވެ.

ހަސީނާގެ ބައްޕާފުޅު މުޖީބުއްރަހުމާން ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވީ އިންޑިޔާގެ ސިއްރު އެޖެންޓުންތަކަކާ ބައްދަލުކުރައްވައި ކަންތައްތަކެއް ރޭއްވެވިކަމުގެ ތުހުމަތުގަ އެވެ.

އިރުމަތީ ޕާކިސްތާން ޕާކިސްތާނުން ވަކިވެ ބަންގްލަދޭޝްގެ ނަމުގައި ވަކި ދައުލަތެއް އިއުލާންކުރުމުން އެ ވަކިވެގަތުން ހުއްޓުވުމަށް ޕާކިސްތާނު މިލިޓަރީ މަސައްކަތްކުރި ކަމަށް ވިޔަސް އެކަން ކާމިޔާބުނުވީ އެ ހަރަކާތަކީ ބަންގްލަދޭޝްގެ އާންމު ރައްޔިތުންގެ ނަމުގައި ހިންގިކަމުގައި ވިޔަސް ސީދާ އިންޑިޔާގެ މިލިޓަރީން ހިންގި ހަރަތަކާތަކަށްވުމުންނެވެ.

އިންޑިޔާގެ މިލިޓަރީން ބަންގްލަދޭޝްގެ ބޯޑަރު ޕާކިސްތާނަށް ބަންދުކޮށް ޕާކިސްތާނާ ހަނގުރާމަކޮށް ޕާކިސްތާނާއި ބަންގްލަދޭޝް ވަކި ކުރި އެވެ. އޭގެ ފަހުން ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްގެ ނަމުގައި ވަކި ގައުމެއް އުފަންކުރުވީ ސީދާ އިންޑިޔާއިން ރާވައިގެންނެވެ. ޕާކިސްތާނަކީ މުސްލިމުންނަށްޓަކައި އުފެދުނު ގައުމެއް ކަމަށް ވިޔަސް ބަނގްލަދޭޝް އުފެދުނީ ދީނީ މިނިވަންކަމާއި ހަމަހަމަ ކަމަށް ވަކާލާތު ކުރަމުންނެވެ.

އިސްލާމިކް ރިޕަބްލިކްގެ ބަދަލުގައި ޕީޕަލްސް ރިޕަބްލިކްގެ ނަމުން ބަނގްލަދޭޝް ވުޖޫދަށް ގެނައީ އެ ގައުމަކީ ވަކި ދީނަކަށް ނިސްބަތްވާ ގައުމަކަށް ނުވެ ސެކިއުލާ ގައުމެއްގެ ގޮތުގައި ދެއްކުމަށެވެ.

ބަންގްލަދޭޝް ޕާކިސްތާނުން ވަކިވުމަށް ކުރި މަސައްކަތުގައި އެ ގައުމުގެ މުސްލިމު ނޫން އާބާދީގެ ހިއްސާ ވަރަށް ބޮޑެވެ. އެހެންކަމުން ސެކިއުލާ ގައުމެއްގެ ގޮތުގައި ބަންގްލަދޭޝްގެ ގާނޫނުތައް ބައްޓަންވެގެން ދިއުން، ބަންގަލަދޭޝްގެ ދީނަށް ލޯބިކުރާ ޖަމާއަތްތަކަށް ގަބޫލު ކުރެވޭނެ ކަމަކަށް ނުވި އެވެ.

ހަސީނާގެ ބައްޕާފުޅުގެ ސެކިއުލާ ވިސްނުންފުޅާ ދެކޮޅު، އިސްލާމީ އުސޫލުތަކަށް ލޯބިކުރާ ޖަމާއަތްތަކުން ގައުމަށް ގެނައި އިންގިލާބުގައި އެކަމަނާގެ ބައްޕާފުޅާއި އާއިލާގެ ގިނަ ބަޔަކު އަވަހާރަވި އެވެ. ނަމަވެސް އިންޑިޔާގެ އެހީގައި އަނެއްކާ ވެސް ހަސީނާގެ ބައްޕާފުޅުގެ ޕާޓީ ވަނީ ގައުމުގައި ބާރު ގަދަ ކޮށްފަ އެވެ.

ހަސީނާގެ ވެރިކަމުގައި ގައުމުގެ އިސްލާމީ ފިކުރުގެ މީހުނާމެދު ވަނީ ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. ދީނީ ޕާޓީތަކަށް ނިސްބަތްވާ ގިނަ ލީޑަރުންތަކެއް ވަނީ ދަންޖައްސައި މަރާލައިފަ އެވެ. މި ސިލްސިލާ އަދިވެސް ދަނީ ކުރިޔަށެވެ.

އިންޑިޔާއިން އަވަށްޓެރި ޕާކިސްތާނަށް ހަމަ ނޭވާލިޔަ ނުދިނުމަށް ކުރާ މަސައްކަތުގައި ސީދާކޮށާއި ނުސީދާކޮށް ބަންގްލަދޭޝްއިން ދަނީ ބައިވެރިވަމުންނެވެ. އޭގެ އަލިގަދަ ހެއްކަކަށް ރާއްޖޭގެ ޕާލަމެންޓުގައި ޕާކިސްތާނާ މެދު ނަފުރަތު އުފެދޭ ފަދަ މޭރުމުން ޝޭޚު ހަސީނާ ދެއްކެވި ވާހަކަފުޅު އެކަނި ވެސް ފުދެ އެވެ.