މީގެ 31 އަހަރު ކުރިން، 1989 އަހަރު ފިލްމް "ދީވާނާ" އިން ނުކުތް ބޮލީވުޑްގެ ރަސްގެފާނު؛ ޝާހުރުކް ހާން ވަނީ ގިނަ ބަޔަކު އޭނާގެ ޖާދޫގައި ޖައްސާފަ އެވެ.

ޝާހުގެ 30 އަހަރުވީ ދިގު ފިލްމީ ކެރިއަރުގައި އޭނާ ދައްކުވައިދީފައިވާ މޮޅު އެކްޓިންގް ހުނަރުގެ ސަބަބުން އޭނާއަށް ތާއީދު ކުރުމުގައި ސަޕޯޓަރުން އަބަދު ވެސް ސާބިތުވެ ތިބެ އެވެ. އޭނާއަށް ލިބޭ ކޮންމެ އުފަލެއް ފާހަގަކޮށް ހިތާމައެއްގައި ބައިވެރި ވެ އެވެ.

އެގޮތުން ޝާހުގެ 55 ވަނަ އުފަން ދުވަސް ވެގެން ދިޔައީ ފޭނުންނަށް ވަރަށް ހާއްސަ ދުވަހަކަށެވެ. ބޮޑު ފެސްޓިވަލެއް ހެން ކޮންމެ އަހަރަކު ފާހަގަކުރަމުން އައި މިދުވަސް، ޝާހުގެ އެދުމުގެ މަތިން މިފަހަރު ވަނީ އޭނާ އެދުނު ގޮތަށް މަންނަތު ދޮށަށް އެއް ނުވެ ގައިދުރުކަން ބަހައްޓައިގެން އެހެންނަމަވެސް ކުލަގަދަކޮށް ފާހަގަ ކޮށްފަ އެވެ.

ސަޕޯޓަރުން ޝާހުގެ އުފަންދުވަހަށް ތައްޔާރުވެފައިވާ މިންވަރު ހާމަވެގެން ދިޔައީ 12 ޖެހުމުގެ ވެސް ކުރިން ޓުވިޓާގައި "ހެޕީ ބާތްޑޭ އެސްއާރްކޭ" ޓްރެންޑްކޮށްލުުމުންނެވެ. ޝާހުރުކް ހާންގެ އުފަންދުވަސް ފާހަގަ ކުރުމަށް ލާފައިވާ ތަހުނިޔާގެ ޕޯސްޓުތަކުން ސަޕޯޓަރުންނާ އެކުގައި މަސައްކަތް ކުރާ އެހެނިހެން ފަންނާނުންގެ މެދުގައި އޭނާއަށް އޮތް ގަދަރާއި ލޯބި ފާހަގަވެގެން ދިޔަ އެވެ.

މީގެ އިތުރުންވެސް ފޭނުން ވަނީ އެކި ސަރަހައްދުތަކުގައި ޝާހުގެ އުފަން ދުވަހާއި ގުޅުވައިގެން ހަރަކާތްތައް ހިންގާފަ އެވެ. އޭގެ ތެރޭގައި އޮންލައިންކޮށް ބޭއްވި ކޭކް ފެޅުމުގެ ރަސްމިޔާތަކާއި މުޅި ދުނިޔެއަށް ހުޅުވާލާއިގެން ބޭއްވި ވާޗުއަލް ޕާޓީއެއްގެ އިތުރުން 5555 ކޮވިޑް ކިޓު ބެހުމުގެ ހަރަކާތް ފާހަގަ ކޮށްލެވެ އެވެ.