ޕްލާސްޓިކްގައި ބަންދުކޮށްފައި ރާއްޖެއަށް އިމްޕޯޓްކުރާ ސުޕާރީ ޕެކެޓް އެތެރެކުރުން ވެސް މަނާކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވައި ނެރުނު ގަރާރުގައި ވަނީ ސުޕާރީ ހިމެނޭހެން ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން ސިންގަލް ޔޫސް ޕްލާސްޓިކްގެ 13 ބާވަތެއް ރާއްޖޭގައި އުފެއްދުމާއި ވިޔަފާރިކުރުން މަނާކޮށްފަ އެވެ.

މި ތަކެތި އުފެއްދުމާއި ވިޔަފާރިކުރުން މަނާކޮށްފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެންނެވެ.

މިފަދަ ތަކެތީގެ ތެރޭގައި ދިޔާތަކެތި ބުއިމަށް އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް އުފެއްދުންތައް ވެސް ހިމެނެ އެވެ. އަދި ޕްލާސްޓިކް ހޮޅި، ތަށި، ސަމުސާ، އޫ، ވަޅި، އަދި ދިޔާ ތަކެތި ގިރުމަށް ބޭނުންކުރާ ހޮޅި ފަދަ ތަކެތި ވެސް ހިމެނެ އެވެ.

އޭގެ އިތުރުން ކާބޯތަކެތި ބަންދު ކުރާ ސްޓައިރަފޯމް ފޮއްޓާއި ބާޒާރުކުރުމަށް ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅާއި، 250 މިލި ލީޓަރަށްވުރެ ކުޑަ ޕްލާސްޓިކް ތަށީގެ އިތުރުން ޕްލާސްޓިކް ދަނޑިކޮޅު ލާފައި ހުންނަ ކަފަބޫރާއި 50 މިލިލީޓަަށް ވުރެ ކުޑަ ޕްލާސްޓިކް ފުޅީގައި ބަންދުކުރާ ސައިބޯނި/ ޝޭމްޕޫ ފަދަ ތަކެތި ވެސް އެތެރެކުރުން މަނާކޮށްފައިވެ އެވެ.

އެ ގަރާރުގައި 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކުރާ ދިޔާ ބުއިންތަކާއި ފެން އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެތެރެކޮށް ވިޔަފާރިކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި އަންނަ އަހަރުގެ ޑިސެެމްބަރު މަހުގެ ފަހުން 50 މައިކްރޯންއަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު ވެސް އެތެރެކޮށް ވިޔަފާރިކުރުން މަނާކުރާނެ ކަމަށް ބުނެ އެވެ.