މައްކާ (31 ޑިސެމްބަރު) - ސައޫދީ އަރަބިއާގައި ކޮވިޑް 19ގެ ކޭސްތައް އިތުރުވަމުންދާތީ މައްކާގެ މަސްޖިދުލް ހަރަމްގައި ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަަދަ ކޮށްފި އެވެ.

މިދިޔަ މަހު މަސްޖިދުލް ހަރަމް އެއްކޮށް ހުޅުވާލައި ފުލް ކެޕޭސިޓީގައި އޮޕަރޭޓް ކުރެވެމުން ދިޔަ ނަމަވެސް ކޮވިޑްގެ ހާލަތު ގޯސްވުމާއެކު މިސްކިތުގައި އިޖުތިމާއީ ގައިދުރުކުރުން އަލުން ބާއްވަން ސައޫދީގެ އިދާރާތަކުން ވަނީ ނިންމާފަ އެވެ.

އެއާއެކު މަސްޖިދުލް ހަރަމްގެ މުވައްޒަފުން ވަނީ ގެފުޅުގެ ވަށައިގެން ގައިދުރުކުރުމުގެ ފާހަގަތައް ޖަހާފަ އެވެ. ނަމަވެސް ސައޫދީ އަރަބިއާގެ އިދާރާތަކުން މިސްކިތަށް ވަދެވޭ މީހުންގެ އަދަދު މަދު ކުރިކަން އިއުލާން ކޮށްފައެއް ނުވެ އެވެ.

މިދިޔަ ބުދަ ދުވަހު ސައޫދީ އަރަބިއާގައި 744 ކޮވިޑް ކޭސް ރެކޯޑު ކުރެވިފައިވާއިރު، މިއީ އޮމިކްރޯން ފެތުރެން ފެށި ފަހުން އެ ގައުމުގައި ރެކޯޑު ކުރެވުނު އެންމެ މަތީ އަދަދެވެ.

އެއާއެކު ސަރުކާރުން ވަނީ އާއްމު ތަންތަނުގައި މާސްކު އެޅުން އަލުން މަޖުބޫރުކޮށް އާ ގަވާއިދު އިއުލާން ކޮށްފަ އެވެ. އެއާއެކު އެއްވެ އުޅޭ ހަރަކާތްތައް ބޭއްވުމުގައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ސައޫދީ އަރަބިއާގެ ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޕެންޑަމިކް ފެށުނު ފަހުން އެގައުމުގައި މިހާތަނަށް 554،665 ކޮވިޑް ކޭސް ރެކޯޑު ކުރެވިފައިވެ އެވެ. -- އަލް އަރަބިއްޔާ