މިދިޔަ ހޮނިހިރު ދުވަހު މާލެއިން ގެއްލުނު ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު 33، ރަހީނުކުރިކަމުގެ ތުހުމަތުގައި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ ޝިރުމީނާ ރަހީނުކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 31 އަހަރުގެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރު 1:30ން ފެށިގެން ވީނުވީއެއް ނޭނގި އޭނާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ހަމަ އެ ދުވަހުގެ ރޭ 10:45 ގަ އެވެ. ފުލުހުންނަށް މިކަން ރިޕޯޓްކުރުމާއި ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް، ނުފެނި އެންމެ ފަހުން އޭނާ އަމިއްލައަށް ގެއަށް ދިޔައީ އެވެ.

ޝިރުމީނާގެ އާއިލާއިން ބުނީ އޭނާ ރަހީނުކޮށް ބަޔަކު ފައިސާތަކެއް އަތުލި ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

އޭނާގެ އާއިލާއިން ވާހަކަދެއްކި މީހަކު އިއްޔެ ބުނީ ޝިރުމީނާގެ މޫނުމަތީގައި ޖަހާފައި އެބަހުރި ކަމަށެވެ. އަދި އެ ނޫންވެސް އެކިއެކި ގެއްލުންދީ ހެދުމުން ނަފުސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ އަތުގައި ހުރި 20،000 އެއްހާ ރުފިޔާ ރަހީނުކުރި މީހުން ފޭރިގެންފައިވާ ކަމަށް ވެސް އެ މީހާ ބުންޏެވެ.

ފުލުހުން އިއްޔެ ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.