ނ. އަތޮޅުން އދ. އަތޮޅާ ހަމަޔަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ނ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމަޔަށް ހުދު ސަމާލު ނެރުނީ މިއަދުގެ ހެނދުނު 9:48 ގަ އެވެ. އަދި މިއަދުގެ ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެ އެވެ.

މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ކަނޑުތައް ގަދަވުން ވެސް އެކަށީގެންވާ ކަމަށް މެޓުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މޫސުން ގޯސްވުމާއި ގުޅިގެން، އިއްޔެގެ ވަގުތެއްގައި ވަނީ ނ. ހޮޅުދުއަށް އުދަ އަރައިފަ އެެވެ. އަދި އުދައިގެ ސަބަބުން އެ ރަށުގެ އެކި ސަރަހައްދުތަކާއި އެތެރެ މަގުތަކުގައި ވެސް ފެންބޮޑުވެފައިވެ އެވެ.