ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައެއް ފުލުހަށް ހުށަހަޅައިފި އެވެ.

ރައީސް ނަޝީދަށް ތުހުމަތުކޮށްފައިވަނީ ޣައިރު ދީންތަކުގެ ޝިއާރުތައް ފަތުރާކަމުގެ ތުހުމަތެވެ. މި މައްސަލައާ ގުޅިގެން "ރައްޔިތުންގެ އިއްތިހާދު" އިން ވަނީ މައްސަލަ ފުލުހުންނަށް ހުށަހަޅާފަަ އެވެ.

ރައްޔިތުންގެ އިއްތިހާދުން ފުލުހުންނަށް ފޮނުވި ސިޓީއެއްގައި، 2020 ވަނަ އަހަރު، ރައީސް ނަޝީދު ނަސާރާއިން، ދީނީ ގޮތުން ފާހަގަކުރާ ދުވަހެއް ކަމަށްވާ ކްރިސްމަސްގެ ތަހުނިޔާ ފާޅުކަން ބޮޑު ގޮތެއްގައި ހުރިހާ ދިވެހިންނަށް ކިޔުއްވި ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން މިދިޔަ އަހަރުގައި ވެސް ރައީސް ނަޝީދު ކްރިސްމަސްގެ ތަހުނިޔާ ކިޔައި ފޮޓޯ އާންމުކޮށްފައިވާ ކަމަށް އެ އިއްތިހާދުން ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ އިއްތިހާދުން ބުނީ މިފަދަ ކަމެއް ގައުމުގެ ވެރިއެއްގެ ފަރާތުން ފެނުމާ ގުޅިގެން، މައްސަލަ ތަހުގީގުކޮށް، ބަލައިދިނުމަށް އެ އިއްތިހާދުން އެދިފައިވާ ކަމަށެވެ.

މި މައްސަލަ މީގެ ކުރިން ވެސް ފުލުހުންނަށް ހުށަހަޅާފައިވާއިރު، މައްސަލަ ތަހުގީގުނުކޮށް، ކުރިއަށް ނުގެންދާކަމަށް އެ އިއްތިހާދުން ބުނެފައިވެ އެވެ.