ޚަރްތޫމް (03 ޖެނުއަރީ) ސޫދާނުގެ ސިޔާސީ މަޝްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައި އެގައުމުގެ ބޮޑު ވަޒީރު އިބްރާހިމް ހަމްދޫކް އިސްތިއުފާ ދެއްވައިފި އެވެ.

ހަމްދޫކް އިސްތިއުފާ ދީފައި މިވަނީ އޮކްޓޯބަރު މަހު އެގައުުމުގައި ހިންގި އަސްކަރީ ބަޣާވާތާ ގުޅިގެން ގައުމުގެ އެކި ސަރަހައްދުތަކުގައި މުޒާހަރާތަކާއި އެއްވުންތައް އާއްމުވެފައިވަނިކޮށެވެ.

އާދީއްތަ ދުވަހު ވެރިރަށް ޚަރްތޫމްގައި މުޒާހަރާކުރި އާއްމުންނާއި އަސްކަރީ ބާރުތަކާ ދެމެދު ހިނގި ހަމަނުޖަހުންތަކުގައި އަސްކަރިއްޔާއިން ވަނީ ބާރުގެ ބޭނުން ކޮށްފަ އެވެ. މި ހަމަނުޖެހުންތަކުގައި އާއްމުންގެ ހަތަރު މީހަކު މަރުވެ އިތުރު ބަޔަކަށް އަނިޔާވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އޮކްޓޯބަރު މަހުގެ ބަޣާވާތަށްފަހު އަސްކަރިއްޔާއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ހަމްދޫކް ބޮޑުވަޒީރު ކަމަށް އަލުން އިސްކުރެވުނީ ބަޣާވާތުގައި ހައްޔަރުކޮށްފައި ހުރުމަށްފަހު އެވެ.

އަލުން މަގާމަށް އިސް ކުރެވި ހަމްދޫކްގެ އަމިއްލަ ކެބިނެޓެއް އޮތް ނަމަވެސް އެ ގައުމުގެ ޕްރޯ-ޑިމޮކްރަސީ އެކްޓިވިސްޓުން ދިޔައީ ކެނޑިނޭޅި އަސްކަރީ ސަރުކާރަށާއި ހަމްދޫކަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރުވަމުންނެވެ.

އިސްތިއުފާ ދެއްވަމުން ހަމްދޫކް ވަނީ ނޮވެމްބަރު މަހު އަސްކަރިއްޔާއާއެކު ވެވުނު އެއްބަސްވުމަކީ ގައުމު އިސްލާހުކުރުމަށް ވެވުނު އެއްބަސްވުމެއް ކަމަށް ބުނެ އެކަން ދިފާއު ކުރައްވާފަ އެވެ. -- އަލް އަރަބިއްޔާ