ނ. މާޅެންދޫގައި ފަސޭހަކަމާއެކު ދުވާލާއި ރޭގަނޑުވެސް މަސްކަނޑަން ބޭނުންކުރެވޭ ގޮތަށް މަސްކަނޑާ ތަނެއް ތަރައްގީކޮށްފި އެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން މި މަސް ކަނޑާ ތަން ހެދީ ސޮސައިޓީ ފޯރ ލީޑާރސް އިނިޝިއޭޓް ޑިވެލޮޕްމަންޓްގެ (އެސްއެލްއައިޑީ)ން އެވެ.
އެ ރަށުގައި ހެދި މަސް ކަނޑާ ތަނުގައި އެއްފަހަރާ އަށް މީހުންނަށް މަސްކަނޑަން ތިބެވެ އެވެ. އަދި މީގެ އިތުރުން ސާފު ރީތިފެން ލިބޭނެހެން އިސްކުރު ހަރުކޮށް މަސްކަނޑަން ޖާގަ އޮންނާނެހެން ފަރުމާކޮށްފައިވާއިރު ތަކެތި ރައްކާ ކުރުވޭނެ ގުދަނެއް ވެސް އެތަނުގައި ހުރެ އެވެ. އަދި މެސްކެނޑުމަށްފަހު އުކާލެވޭ ތަކެތި އެޅުމަށް ޑަސްބިން ބަހައްޓައި ތަން ފަސޭހައިން ސާފުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފަ އެވެ.
"މިއީ މާޅެންދޫގެ މަސްވެރިންނަށާއި އެހެނިހެން ރަށްރަށުން މި ރަށަށް އަންނަ މަސްވެރިންނަށް މަސްކެނޑުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އަޅުގަނޑުމެން ކުރި މުހިންމު މަސައްކަތެއް. މިހާތަނަށް މަސްކަނޑަމުން އައީ ޖެޓީ މަތީގައި،" އެސްއެލްއައިޑީގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވާރޭ ވެހުނަސް އަދި އަވިދިނަސް މަސްކަނޑަން ޖެހެނީ ޖެޓީ މަތީ ތިބެގެން ކަމަށެވެ. އަދި އަލަށް ގާއިމްކުރި މަސްކަނޑާތަނުގެ ސަބަބުން މި ރަށުގެ ރައްޔިތުންނާއި ހާއްސަކޮށް ރަށުގެ މަސްވެރިންނަށް މަސްކެނޑުމާއި މަސް ވިއްކުމަށް ފަސޭހަވެގެންދާނެ ކަމަށް އެ އޮފިޝަލް އުއްމީދުކުރެ އެވެ.
" މި ފުރުސަތުގައި މިފަދަ މުހިންމު ޕްރޮޖެކްޓަކަށް ބީއެމްއެލް އިން ދެއްވި މާލީ އެހީތެރިކަން ފާހަގަކޮށް އެ ބޭންކަށް ޝުކުރު ދަންނަވަން،" އެސްއެލްއައިޑީގެ އޮފިޝަލް ވިދާޅުވި އެވެ.
މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަންނަނީ މިތަން ބޭނުންކުރަމުންނެވެ. މިތަން ރަސްމީކޮށް ހުޅުވުމުގެ ގޮތުން ވަނީ އަންހެނުންނާއި ފިރިހެނުން ހިމެނޭހެން މަސްކެނޑުމުގެ މުބާރާތެއް ވެސް ބާއްވާފަ އެވެ.
ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 60 ޕްރޮޖެކްޓެއް ހިންގުމަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.