އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ޝުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 3 ނޮވެމްބަރު 1988 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން ޝަހީދުވި އަބްތާލުންގެ ޒިކުރާ އާކުރުމުގެ ގޮތުން އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި އެއްވުމުގެ ތެރެއިންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެޗްޕީއޭގެ އެންގުންތަކާ ޚިލާފަށް އެއްވުންތައް ނުބޭއްވުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައި ވަނިކޮށް އެއާ ޚިލާފަށް ޕީޕީއެމް އޮފީސް ކުރިމަތީ އެއްވުމެއް ބޭއްވި މައްސަލައާ ގުޅިގެން ޝުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

"ހައްޔަރެއް ނުކުރޭ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މިރޭ ޕީޕީއެމް އޮފީސް ކުރިމަތީ އެއްވުން ބޭއްވީ ބަޑި ބުރާސްފަތިގެ ނަމުގައި ޕީޕީއެމް އިން ޖަލްސާއެއް ބާއްވަން ސަރުކާރުން ހުއްދަ ނުދިނުމުންނެވެ.

މިރޭގެ އެއްވުން ލީޑްކުރެއްވި ބޭފުޅުން ވަނީ ފުލުހުންގެ އެންގުންތަކަށް ތަބާވުމަށް އެއްމުގެ ބައިވެރިންނަށް އިރުޝާދުދީފަ އެވެ.

މީގެކުރިން ވެސް ފުލުހުން ވަނީ މާސްކު ނާޅައި އެއްވުމެއްގައި ބައިވެރިވި ކަމަށް ބުނެ 1000 ރުފިޔާ އިން ޝުޖާއު ޖޫރިމަނާ ކޮށްފަ އެވެ.