އިންޑިއާގެ ޑޮކްޓަރަކަށް އޮޅުވާލައިގެން އޭނާ އަށް 93،،000 ޑޮލަރަށް "އަލާއުއްދީންގެ ވޮށްގަނޑު" ވިއްކި ބަޔަކު އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފި އެވެ.

އެ މީހުން މި ވޮށްގަނޑު ވިއްކާފައި ވަނީ އޭގެ ސަބަބުން ރަނގަޅު ގޮތްތަށްވާނެ ކަމަށާއި މުދަލާއި ފައިސާ ލިބޭނެ ކަމަށް ބުނެގެން އެ ޑޮކްޓަރު މޮޔަ ހައްދައިގެންނެވެ.

މި ވޮށްގަނޑަކީ އަލާއުއްދީން ގެންގުޅުނު ވޮށްގަނޑު ފަދައިން ޖާދޫ އެކުލެވޭ އަދި އޭގައި އަތް އުނގުޅަން ފެށުމުން ޖިންނިއެއް ނުކުންނަ ފަދަ އެއްވެސް ބާރެއް ހުރި އެއްޗެއް ނޫންކަން އެނގުނު ހިސާބުން ޑރ. ލައީކް ހާން ވަނީ ފުލުހުންނަށް އެ މައްސަލަ ހުށައަޅާފަ އެވެ.

"މި ކަން ކުރި މީހުން ފުރަތަމަ ކިޔާފައި ވަނީ ވަރަށް ބޮޑު އަގެއް ނަމަވެސް ޑޮކްޓަރު ދީފައިވަނީ ހަތް މިލިއަން ރުޕީސް (93،000 ޑޮލަރު)،" ފުލުހުންގެ ސީނިއާ އޮފިސަރެއް ކަމަށްވާ އަމިތް ރާއީ އާއި ހަވާލާދީ އޭއެފްޕީ އިން ރިޕޯޓުކޮށްފައިވެ އެވެ.

މި ކަން ކުރި މީޙުން މިހާރު ހައްޔަރު ކޮށް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.

"މިތަނުން އެއް ފިރިހެނެއްގެ އަންހެނުންވެސް މިކަމުގައި ބައިވެރިވެފައިވޭ، އޭނާ ވަނީ ފިލާފައި. ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދޭ،" ރާއީ ވިދާޅުވި އެވެ.