ޔަމަނުގައި އަންހެނުންނަށް ބޭރަށް ނުކުމެލާ ހިތްހަމަ ޖައްސާލަން މަޑުކޮށްލާނެ ތަނެއް ނެތުމުން ޔަމަނަށް ނިސްބަތްވާ އުމް ފިރަސް ނިންމީ އެފަދަ ތަނެއް ބިނާކުރުމަށެވެ. އަދި އަންހެނުންނަށް ކުދި ވިޔަފާރިތައް ކުރުމަށް ބާރު އެޅުމަށެވެ.
"ޔަމަނުގައި އަންހެނުންނަށް ފަސޭހަ ކަމާއެކު އެއްވެލާނެ ތަނެއް ނޯވޭ. އަދި އެޑްމިނިސްޓްރޭޝަން އިން ފެށިގެން ގޮސް އެންމެ ޒުވާން މުވައްޒަފާ ހަމަޔަށް ހުސް އަންހެނުން މަސައްކަތްކުރާ ތަކެއްވެސް ނެތް،" މިދިޔަ އެޕްރީލް މަހު އުމް ފިރަސް ހުޅުވި މޯނިން އައިކަން ކެފޭގައި އިނދެ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.
އަންހެނުން ގެއިން ބޭރަށް ނުކުމެ ވަޒީފާ އަދާކުރުމަކީ ރަނގަޅުކަމެއް ނޫންކަމަށް ދެކޭ މުޖުތަމައެއްގައި މިފަދަ ކެފޭއެއް ހުޅުވާ ހިދުމަތް ދޭން ފެށުމަކީ މުޅިން އާ ކަމެއް ކަމަސް އުމް ފިރަސް ބުންޏެވެ.
"ކެފޭ އެކޭ ބުނުމުން ބައެއް މީހުން ދެކެނީ ވަރަށް ގޯސް ކޮށް. އެހެނަސް ކޮންމެ ކަމެއްގެ ވެސް ސަޕޯޓަރުންނާއި ރުޅިއަންނަ މީހުން ވެސް އުޅޭނެ،" އަންހެނުން ބާރުވެރިކުރުމަކީ މައިގަނޑު މަގުސަދު ކަމަށް ބުނެފައި އުމް ފިރަސް ބުންޏެވެ.
މެޑިސިން ކިޔަވާ ދަރިވަރެއް މި ކެފޭގެ ވަފާތެރި ކަސްޓަމަރެއް ކަމަށްވާ ވަދާދް ބުނި ގޮތުގައި މި ކެފޭގެ އެންމެ ހާއްސަ ކަމަކީ އިންޓަނެޓް ފާސްޓު ވުން ކަމަށެވެ. "މަރިބްގައި އަންހެނުން މިހެން އެއްވެ ބައްދަލުކޮށްލާ ހަދާލާނެ ތަނެއްވެސް ނޯވޭ. އަދި މަރިބްގެ އިންޓަނެޓް އާންމު ކޮށް ސްލޯއިރު މި ކެފޭގެ ސަބަބުން އަންހެން ދަރިވަރުންނަށްވެސް ފަސޭހަތަކެއް ވެގެންދޭ،"
އުމް ފިރަސް މި ކެފޭ އަށް ބޭނުންވާ ކޮފީ އާއި އެހެނިހެން ބުއިންތައް އިމްޕޯޓުކުރަނީ އެހެން ގައުމުތަކުންނެވެ. އޭނާ ބުނިގޮތުގައި ތަކެތީގެ އަގު އުފުލުމާއި އެކު ކޮލިޓީ ދެމެހެއްޓުމަށް ގޮންޖެހުންތަކަކާ ދިމާވާ ކަމަށެވެ. އެހެން ނަމަވެސް ވިސްނުމަކީ މި ވިޔަފާރި މިއަށްވުރެ ވެސް ފުޅާ ކުރުން ކަމަށެވެ.