ރާއްޖެއާއި ޗައިނާއާ ދެމެދު ހީނަރުވެފައިވާ ގުޅުން އަލުން ބަދަހިކުރުމުގެ ގޮތުން ޗައިނާގެ ސްޓޭޓް ކައުންސިލަރު އަދި ފޮރިން މިނިސްޓަރު ވާންގް ޔީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވައި ފުރާވަޑައިގެންފި އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު އަދި ސްޓޭޓް ކައުންސިލަރު ރާއްޖެ ވަޑައިގަތީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ ދައުވަތަކަށްށެވެ.

ރާއްޖެއަށް ކުރެއްވި ދެދުވަހުގެ މި ދަތުރުފުޅު ނިންމަވާލައްވައި ވާންގް ޔީ ފުރާވަޑައިގެންފައިވާއިރު، އެމަނިކުފާނު ދެން ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ޝްރީލަންކާއަށްށެވެ.

ވާންގް ޔީީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާ އާއި ރާއްޖެއާއި މެދުގައި ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.

އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ވެސް ވާންގް ޔީ އާއި ބައްދަލުކުރައްވައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.

ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެކެވެ. މިގޮތުން ސިނަމާލެ ބްރިޖާއި މާލެ އާއި ހުޅުމާލޭގައި ކުރީ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ ބޮޑެތި އެތައް މަޝްރޫއަކަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަށް ވެސް ބޮޑެތި ލޯނުތަކެއް ޗައިނާއިން ދީފައިވެ އެވެ.