އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓު ގުނާ ނުނިމެނީސް ރައީސް ޑޮނަލްޑް ޓްރަމްޕް އަމިއްލަފުޅަށް ޖޯ ބައިޑެންގެ މައްޗަށް ކުރި ހޯދިއްޖެ ކަމަށް އިއުލާން ކުރައްވައިފި އެވެ.

މިހާތަނަށް އަދި މިލިއަނެއްހާ ވޯޓު ނުގުނާ ހުރި އިރު ބައިޑެން ހުންނެވީ ސާބިތުކަމާއެކުގަ އެވެ.

ވޯޓު ނުގުނި އަދި މަދު ސްޓޭޓްތަކެއް ހުރި އިރު އިންތިހާބު ކާމިޔާބު ކުރުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓާ ހަމަޔަށް ވާސިލްވުމަށް ދެ ކެންޑިޑޭޓުން ވެސް ވާދަކުރައްވަމުން ދަނީ ވަރަށް ކައިރިންނެވެ.

ބައިޑެން އުންމީދު ގަދަވެއްޖެ ކަން އިއުލާނުކުރެއްވިތާ ކުޑަ އިރުކޮޅެއް ފަހުން ޓްރަމްޕް ވަނީ ވައިޓް ހައުސްގައި އޭނާ އިންތިހާބުން މޮޅުވެއްޖެކަން އިއުލާނު ކުރައްވައި، އޭނާގެ ވަކީލުންނާއެކު ސުޕްރީމް ކޯޓަށް ވަޑައިގަތުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް އެއީ ކޮން ކަމަކާއި ގުޅިގެން ކަން ހާމަކުރައްވާފައެއް ނުވެ އެވެ.

އެންމެ ފަހުގެ ނަތީޖާ ދައްކާ ގޮތުން އިލެކްޓޯރަލް ވޯޓުގައި ކުރި ހޯއްދަވާފައި ވަނީ ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑެން އެވެ. އޭނާ ވަނީ މިހާތަނަށް 238 އިލެކްޓޯރަލް ވޯޓު ކާމިޔާބުކުރައްވައިފަ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 213 އިލެކްޓޯރަލް ވޯޓެވެ.