ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއު، ހިޔާ މަޝްރޫއުގެ ދަށުން އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ކެޓަގަރީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެކުލަވާލި ވަގުތީ ލިސްޓް އާންމުކޮށްފި އެވެ.

އެ ލިސްޓުގައި ފްލެޓަށް ހުށަހެޅި މީހުންގެ ވަނަވަރާއި ޕޮއިންޓް ލިބިފައިވާ އަދަދު އަދި ކުރިން ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފްސީލް ހިމަނާފައިވެ އެވެ.

އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަނުވާ މީހުންގެ ލިސްޓެއް ސަބަބާއެކު ވެސް ވަނީ އާންމުކޮށްފަ އެވެ.

ޝަރުތު ހަމަނުވާ މީހުންގެ އަދަދަކީ 261 ކަމަށް ފްލެޓް ކޮމިޓީން ބުންޏެވެ.

މީގެއިތުރުން އެ ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންދެވިފައިނުވާ ފަރާތްތައް ސަބަބާއެކު ވަނީ ހިމަނާފަ އެވެ.

"ހިޔާ" މަޝްރޫއުގެ ކެޓަގަރީތައް، އެ ކޮމިޓީން ދިރާސާކުރުމަށްފަހު ނެރޭ ވަގުތީ ލިސްޓްތަކުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހިންގާފައިވާ ސޯޝަލް ހައުސިންގ ޕްރޮގްރާމެއްގެ ދަށުން ފްލެޓް/ރޯހައުސް/ގޯތި ލިބި، އެގްރިމެންޓްގައި ސޮއިކޮށްފައިވާ ފަރާތްތައް، އެ ކެޓަގަރީއެއްގެ ދާއިމީ ލިސްޓުން އުނިކުރެވޭނެ ކަމަށް އެ ކޮމިޓީން ބުންޏެވެ.