ދިވެހި ފިލްމީ މައިދާނަށް އެންެމެ ފަހުން ނުކުތް، އައިފިލްމްސްއަކީ މިހާރު ފިލްމީ ދާއިރާގައި ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއް ދައްކަމުން އަންނަ ފިލްމު އުފައްދާ ކުންފުންޏެކެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ އިތުބާރު ހޯދާފައިވާ މިފިލްމް ކުންފުނީގެ މިހާތަނަށް ބޮޑު ސްކްރީނަށް އައިސްފައިވަނީ އެންމެ މަސައްކަތެކެވެ. "ބަވަތި" އަށް ފަހު ދެވަނަ މަސައްކަތް "ނީނާ" ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ތައްޔާރުވަމުން ދަނިކޮށް ކޮވިޑާ ގުޅިގެން ފިލްމު ޕްރިމިއާ ކުރުން ވަނީ މަޑުޖައްސާލާފަ އެވެ.

ނަމަވެސް މިފިލްމް ކުންފުނީގެ އާ މަސައްކަތްތައް މިހާރުވެސް ކުރިޔަށްދާ ކަމަށް ކުންފުނީގެ ފައުންޑަރު އިލްޔާސް ވަހީދު (އިއްލެ) ބުންޏެވެ. އެގޮތުން މިފަހަރު އިއްލެމެން ތަޖުރިބާ ކުރަން ފަށާފައިވަނީ މިފަހަކަށް އައިސް ދިވެހިންގެ ތެރޭގައި މަގުބޫލު ވަމުން އަންނަ ވެބް ސީރީޒް ކޮންސެޕްޓަށް ތައްޔާރު ކުރާ މަސައްކަތެކެވެ.

"ބިރުވެރި ވާހަކަ"ގެ ނަމުގައި ގެނެސްދޭ ވެބް ސީރީޒް ބެހިފައިވަނީ ޖުމްލަ 15 އެޕިސޯޑަށް ކަމަށް އިއްލެ ބުންޏެވެ. އަދި މިއިން ކޮންމެ އެޕިސޯޑެއްގެ ވެސް ވާހަކަ ތަފާތު ވާނެ ކަމަށާއި މިހާރު ކުރިޔަށްދަނީ ޝޫޓް ކުރުމުގެ މަސައްކަތްކަން އިއްލެ ފާހަގަ ކުރެއްވި އެވެ.

ސޯޝަލް މީޑިއާ ޕޯސްޓުތަކުން ފެންނަ ގޮތުގައި އައިފިލްމްސްގެ ކުރީގެ ފިލްމުތަކެކޭ ވެސް އެއްގޮތަށް މިފިލްމީ މަސައްކަތުގައި ވެސް ތަފާތު ހުނަރުވެރި މޭކަޕް ލުކްސްތައް ފެނިގެން ދެ އެވެ. މިލުކްސްތައް ތައްޔާރު ކުރަމުންދަނީ ބަވަތި އަދި ނީނާގައި ވެސް މޭކަޕް ލުކްތައް ތައްޔާރުކޮށްދިން މޭކަޕް އާޓިސްޓް ރުތުބާ އަހުމަދު އެވެ.

"ބިރުވެރި ވާހަކަ" އާއި ބެހޭގޮތުން އައި.ފިލްމްސްއިން ހިއްސާކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތައް ބުނާ ގޮތުގައި މިސީރީޒް ގެނެސްދޭ ޕްލެޓްފޯމެއް އަދި ކަށަވަރެއް ނުވެ އެވެ. ނަމަވެސް މިކުންފުނީގެ ތާރީހުން ޔަގީންވާ އެއް ކަމަކީ ތައްޔާރުވަމުން އަންނަ މަސައްކަތަކީ ވެސް އިންޑަސްޓީގެ ލައިބްރަރީއަށް މުއްސަދިކަން ގެނުވާނެ އުފެއްދުންތެރި މަސައްކަތަކަށް ވެގެންދާނެ ކަމެވެ.