ކ. މާފުށި ޖަލުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވާން ފަށައިފި އެވެ.

ގިނަ އަދަދެއްގެ އޮފިސަރުންނާއި ގައިދީން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ޖަލު ކުއްލި ހާލަތަށް ގެނައީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

ކޮވިޑްގެ އަލާމާތްތައް ހުރި އޮފިސަރުންނާއި ގައިދީންގެ ސާމްޕަލްތައް ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން ހަތް އޮފިސަރުންނާއި، 104 ގައިދީއަކު ޕޮޒިޓވްވެފައިވާ ކަމަށް މީގެ ކުރިން ކަރެކްޝަނުން ބުނެފައިވެ އެވެ.

ކަރެކްޝަނުން އެންމެ ފަހުން ބުނިގޮތުގައި މާފުށީ ޖަލުގައި ތިބި ގައިދީންގެ ތެރެއިން އިތުރު 36 ގައިދީއެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި މަސައްކަތްކުރާ ފަސް އޮފިސަރަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަރެކްޝަނުން ބުނެ އެވެ.

އެއާއެކު، އާއިލީ ބައްދަލުވުންތަކާއި ވަކީލުންގެ ބައްދަލުވުމާއި ކޯޓުގެ އަޑުއެހުންތައް ކުރިޔަށް ގެންދާނީ އޮންލައިންކޮށް ކަމަށް ވެސް ބުންޏެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި މިވަގުތު ފެތުރެމުންދާ އޮމިކްރޯން ވޭރިއަންޓް ރާއްޖެއިން ވެސް ފެނިފައިވާއިރު، ރާއްޖޭގައި ވެސް ކޮވިޑުގެ އަދަދުތައް މައްޗަށް ދާން ވަނީ ފަށައިފަ އެވެ.

އޭގެ އިތުރުން ރާއްޖޭގައި ދުވަހެއް ދުވަހަކަށް ކޮވިޑް ފެތުރޭ މިންވަރު އިތުރުވަމުންދަނީ، އޮމިކްރޯންގެ ސަބަބުން ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު ވަނީ ވިދާޅުވެފަ އެވެ.