ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ތަރި އާމިރު ޚާން ވެސް ތިންވަނަ ކައިވެނި ކުރަން ތައްޔާރުވި ހަބަރު އޭނާ އިއުލާނުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުގަ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހާއި ދިމާކޮށް އާމިރު އޭނާގެ ދެވަނަ އަނބިމީހާ ކަމަށްވާ ކިރަން ރާއޯ ވަރިކުރި ހަބަރު ވެގެން ދިޔައީ ބޮލީވުޑްގެ އެންމެންވެސް ސިއްސުވާލި ހަބަރަކަށެވެ.
އެދެމީހުން 2005 ވަނަ އަހަރު ކައިވެނި ކޮށްފައިވާއިރު، ސަޕޯޓަރުން ސިފަކުރަނީ އެއީ ހަގީގަތުގައިވެސް ވަރަށް ގުޅޭ ދެ ފަންނާނުން ކަމަށެވެ. އެހެންނަމަވެސް ކައިވެނި ނިމުމަކަށް ގެނައުމަށް ފަހު އާމިރު ވަނީ އޭނާ ވަރަށް އަވަހަށް ކައިވެނި ކުރާނެ ހަބަރު މީޑިޔާ ތަކާއި ހިއްސާކޮށްފަ އެވެ.
އާމިރު ކައިވެނި ކުރާނެ ކަމުގެ ހަބަރު ދިންނަމަވެސް، އޭނާގެ ލޯބިވެރިޔާގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ. ނަމަވެސް ފޭނުން މިހާރު ވަނީ އެއީ ސަނާކަން ދެނެގަނެފަ އެވެ.
އެއަށްފަހު މީސްމީޑިޔާގައި އާންމުވި ފޮޓޯއަކުން، އެދެމީހުން ކައިވެނިކޮށްފިކަމަށް ގިނަ ބަޔަކަށް ވަނީ ޝައްކުވެފަ އެވެ. އެގޮތުން އާމިރުއާއި ސަނާ އެކީގައި ހުއްޓިގެން ހުންނަ ފޮޓޯއެއް މީސްމީޑިޔާގައި ވަނީ އާންމުވެފަ އެވެ.
ނަމަވެސް ގިނަ ބަޔަކަށް އޮޅުން އެރި އެ ވާހަކަތަކުގެ ހަގީގަތް ހާމަވީ، ފޮޓޯގެ އަސްލު އާންމުވުމުންނެވެ. އާމިރާއި ސަނާގެ އެ ފޮޓޯއަކީ، މީގެ ކުރިން ޕާޓީއަކަށް ގޮސް އާމިރާއި ކިރަން ހުއްޓިލައިގެން ނަގާފައިވާ ފޮޓޯއެކެވެ. އަދި ބަޔަކު ވަނީ އާމިރާއި ގުޅުވައިގެން ދޮގު ވާހަކަތަކެއް އާންމުކުރުމަށް އެ ފޮޓޯގައި ސަނާގެ ފޮޓޯއެއް ލައި އެޑިޓްކޮށްފަ އެވެ.
ކޮންމެއަކަސް އާމިރް ވަނީ އޭނާގެ ފިލްމު ރިލީޒްވުމާ އެކު ލޯބިވެރިޔާގެ ނަން ހާމަކުރާނެ ވާހަކަ ބުނެފަ އެވެ. މިކަން މިހެން ސިއްރުކުރީ އެ ފިލްމަށް ލިބޭ ސަޕޯޓާއި އެހެނިހެން ކަންކަމަށް ބުރޫ އަރާފާނެތީކަމަށްވެސް އާމިރް ވަނީ ބުނެފަ އެވެ. ސަޕޯޓަރުންނަށް އާމިރްގެ ލޯބިވެރިޔާ އާއި ގުޅޭގޮތުން އޭނާ ދިން ހަމައެކަނި ޔަގީންކަމަކީ، ލޯބިވެރިޔާ އަކީ އޭނާ މީގެ ކުރިން އެކުގައި ފިލްމީ ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަންނާނެއް ކަމެވެ.