ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަދި "އޮންދިގޯ"ގެ ވެެރިޔާ ކަމަށްވާ މުހައްމަދު ޖުނައިދުގެ މައްޗަށް ތުހުމަތުކުރާ ޖިންސީ ގޯނާގެ މައްސަލަތަކުން އޭނާ ސަލާމަތްވެއްޖެ އެވެ.

އޮންދިގޯގައި މަސައްކަތްކުރި އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރުމާއި ގުޅިގެން ފުލުހުން އެ މައްސަލަ ބަލާފައިވާކަމަށް މީގެ ކުރިން ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޖުނައިދުގެ މައްސަލަ ތަހުގީގު ކުރިއިރު އެއްވެސް ޖިނާއީ ކަމެއް ފާހަގައެއް ނުކުރެވޭ ކަމަށެވެ.

ޖުނައިދުގެ މައްޗަށް ޖިންސީ ގޯނާގެ މައްސަލަ ފެންމަތިވީ އޭނާއަށް ތުހުމަތުކުރާ އަންހެން މުވައްޒަފު، ސޯޝަލް މީޑިއާގައި ޕޯސްޓެއް އާންމުކުރުމާ ގުޅިގެންނެވެ. އެ ޕޯސްޓުގައިވާ ގޮތުން އޭނާ އެ ވަޒީފާއިން ކެނޑެން ދިމާވީ ޖުނައިދު ޖިންސީ ފުރައްސާރަ ކުރަން ފެށުމުން ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން އެ ޕޯސްޓުގައި އެތައް ފަހަރަކު ޖުނައިދުގެ ފަރާތުން ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހުނުކަން އޭނާ ފާހަގަކޮށްފައިވެ އެވެ. އަދި ގަދަކަމުން ގައިގައި އަތްލަން އުޅުނު ކަމަށާއި، އޭނާއަށް ޖިންސީ ގޯނާކުރި ކަމަށް ވެސް އެ ޕޯސްޓުގައި ތުހުމަތުކޮށްފައިވެ އެވެ.

މި މައްސަލަައާ ގުޅިގެން އޭނާ ވަޒީފާއަށް ދިއުން ހުއްޓާލި ކަމަށާއި، މިކަން އޭނާ ސޯޝަލް މީޑިއާގައި ހާމަކުރީ ޖުނައިދު ކުރި ކުށަށް އޭނާ ބޭޒާރުކޮށްލުމަށާއި، އިންސާފު ހޯދުމަށް ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް މިކަމާ ޖުނައިދު ވަނީ ދެކޮޅު ހަދައިފަ އެވެ. އަދި އެއްވެސް މުވައްޒަަކަށް ޖިންސީ ފުރައްސާރަކޮށްފައެއް ނުވާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޖުނައިދު ވިދާޅުވާގޮތުގައި އޭނާގެ މައްޗަށް ދޮގު ތުހުމަތުތަކެއް ކުރީ އަންހެން މުވައްޒަފު ވަޒީފާއަށް ގަވާއިދުން ނުދާ މައްސަލަ ބެލުމާ ގުޅިގެންނެވެ.