އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހަކު ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ޝަރީއަތް މާދަމާއަށް ތާވަލުކޮށްފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މޭރީ ގްރޭސް ނަމަކަށް ކިޔާ ނަރުސް މަރާލި ކަމުގެ ތުހުމަތުގައި ފުލުހުން ފުރަތަމަ ހައްޔަރުކުރީ އޭނާގެ ފިރިމީހާ އެވެ.

އުމުރުން 29 އަހަރުގެ މާވިންއަކީ ފިލިޕީންސްއަށް އުފަން މީހެކެވެ. އަދި މި މައްސަލައިގައި ހައްޔަރުކުރި ދިވެހި ނަރުސް ހަލީމަތު ލަމްހާ އަބްދުއްރަހުމާނަކީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި މަސައްކަތްކުރި ދިވެހި އަންހެނެކެވެ. އޭނާ އަކީ މާވިންގެ ލޯބިވެރިޔާ އެވެ.

އެދެމީހުންގެ ޝަރީއަތް މާދަމާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މާދަމާ ހެނދުނު 10 ޖަހާއިރު، މައްސަލައިގެ ޝަރީއަތް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މޭރީގެ ފިރިމީހާ ކަމަށްވާ މާވިންއަށް ދައުލަތުން ދައުވާ އުފުލާއިވާއިރު، އޭނާގެ މައްޗަށް ކުރީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާ އެވެ. އަދި އޭނާގެ މައްޗަށް އެކުށް ސާބިތުވެއްޖެނަމަ، 10 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރާނެ އެވެ. އެހެން ނަމަވެސް ގާޒީ ނިންމަވާ ގޮތަކުން މުއްދަތު އިތުރުވުމަށް ވެސް ފުރުސަތު ބޮޑެވެ.

އޭގެ އިތުރުން މާވިންގެ ލޯބިވެރިޔާ ކަމަށްވާ ދިވެހި ނަރުސް ލަމްހާއަށް ތިން ދައުވާއެއް ކޮށްފައިވާއިރު، އޭގެ ތެރޭގައި އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ އިތުރުން، ހުއްދަ ހޯދައިގެން ކުރަންޖެހޭ ކަންކަމުގައި ހުއްދަ ނުހޯދާ ކުށް ހިމެނެ އެވެ.

ލަމްހާއަށް ކޮށްފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ، ހަ އަހަރަށް ޖަލަށް ލުމަށް ހުކުމްކުރާނެ އެވެ.

ލަމްހާއަށް ކޮށްފައިވާ ދައުވާގައި، އޭނާގެ ކޮޓަރިން ފެނުނު ސިޓީއުރައެއްގެ ތެރެއިން، އޭނާ މަސައްކަތް ކުރާ އައިޖީއެމްއެޗުން، ހުއްދަ އާއި ނުލައި ނެގުން މަނާ ގިނަ އިންޖެކްޝަންތަަކާއި، ބޭސްތަކެއް ފެނިފައިވެ އެވެ. މައުލޫމާތު ލިބޭގޮތުގައި އެ އިންޖެކްޝަންތަކަކީ ހޮސްޕިޓަލުގައި އެކަނި ބޭނުންކުރުމަށް ދޫކުރެވޭ އިންޖެކްޝަންތަކެކެވެ.

ގްރޭސްގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް އޭނާގެ ހަށިގަނޑުގެ ޕޯސްމޯޓަމް ހެދީ އިންޑިޔާއަށް ފޮނުވައިގެންނެވެ. އެ ޕޯސްޓްމޯޓަމް އިން ދެއްކީ މޭރީ މަރުވީ ނޭވާ ހާސްކޮށްލުމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ގްރޭސްއާއި އޭނާގެ ފިރިމީހާގެ ކައިވެންޏަށް ފަސް އަހަރުވެފައިވާއިރު، އެ ދެމަފިރިންނަށް ކުއްޖަކު ވެސް ލިބިފައިވެ އެވެ. އެހެން ނަމަވެސް އެ ދެމަފިރިންގެ މެދުގައި މައްސަލަތަކެއް ޖެހެމުންދިޔަ ކަމަށް އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހުންގެ ފަރާތުން ފުލުހުންގެ ތަހުގީގަށް ހާމަވެފައިވެ އެވެ.

މިގޮތުން މި މައްސަލަތައް އިތުރަށް ގޯސްވާން ފެށީ ގްރޭސްގެ ފިރިމީހާ، އައިޖީއެމްއެޗްގައި މަސައްކަތްކުރާ ދިވެހި އަންހެނަކާ ލޯބީގެ ގޮތުން ގުޅުނު ހިސާބުން ކަމަށްވެ އެވެ.