އެކްޓިންއާއި ކޮމެޑީ އަދި ޕޮއެޓްރީގެ ދާއިރާގައި މަސައްކަތްކުރި ފަންނާނެއް ކަމަށްވާ އަރުން ވަރުމާ ކުއްލިގޮތަކަށް މަރުވެއްޖެ އެވެ.

އިންޑިޔާގެ ނޫސްތަކަށް މައުލޫމާތު ދެމުން އަރުންގެ ކޮށްކޮ އަމިތު ވަރުމާ ބުނީ އަރުން މަރުވީ މިއަދު މެންދަމު ދޭއް ޖެހިއިރު ކަމަށެވެ. މަރުވި އިރު އަރުންއަށް ދިޔައީ ބޯޕާލްގައި ހުންނަ ޕީޕަލްސް ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށް އޭނާ ބުންޏެވެ.

އަމިތު އިތުރަށް ބުނީ، އަރުން މަރުވީ ސިކުނޑީގައި ބްލޮކެއް އުފެދިގެން ކަމަށެވެ. އަދި އެކަމުގެ ސަބަބުން މަޑުމަޑުން އަރުންގެ ހުރިހާ ގުނަވަންތަކެއް ފެއިލްވަމުން ދިޔަ ކަމަށާއި، އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ފުއްޕާމެޔާއި ކިޑްނީއަށް ކަމަށް ޑޮކްޓަރުން މައުލޫމާތު ދިން ކަމަށް އަމިތު ބުނެފައިވެ އެވެ.

އަރުން ވަރުމާ މަރުވެފައިވަނީ އުމުރުން 62 އަހަރުގަ އެވެ.

އަރުން ވަރުމާ ވަނީ ފިލްމީ އިންޑިސްޓްރީގައި ބޮޑު ރޯލެއް އަދާކޮށްފަ އެވެ. އެގޮތުން އަނިލް ވަނީ 80 އަށްވުރެ ގިނަ ފިލްމުތައް ކުޅެދީފައިކަމަށް އިންޑިޔާގެ ނޫސްތަކުން މައުލޫމާތު ދީފައިވެ އެވެ.