މިދިޔަ އަހަރުގެ ތެރޭގައި މަނާ ތަކެތި އެންމެ ގިނައިން ވައްދާފައި ވަނީ މާފުށީ ޖަލަށް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ބުނެފި އެވެ.

އެ ސާވިސްއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު މާފުށި ޖަލުން 332 މޮބައިލް ފޯނާއި، 244 ޗާޖަރެއް ހޯދާފައިވެ އެވެ. އޭގެ އިތުރުން، 282 ސިމް ކާޑާއި 314.59 ގްރާމްގެ މަސްތުވާތަކެތި ވެސް ހޯދާފައިވާ ކަމަށް ކަރެކްޝަނުން ބުނެފައިވެ އެވެ.

ޖަލުތައް ބަލައި ފާސްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެ މުއައްސަސާއިން ވަނީ މާލެ އަދި ހިންމަފުށި އައްސޭރި ޖަލު ވެސް ބަލައި ފާސްކޮށްފަ އެވެ.

އެގޮތުން މާލެ އައްސޭރި ޖަލުން މިދިޔަ އަހަރު 23 މޮބައިލް ފޯނަކާއި ފަސް ޗާޖަރެއް ހޯދާފައިވެ އެވެ. އަދި ހިންމަފުށި ޖަލުން 51 ފޯނަކާއި 24 ޗާޖަރުގެ އިތުރުން 394.18 ގްރާމް މަސްތުވާތަކެތި ހޯދާފައިވެ އެވެ.

އެ ސާވިސްއިން ހިންގި އޮޕަރޭޝަންތަކުގެ ތަފާސް ހިސާބަށް ބަލާއިރު، އެންމެ ގިނައިން މަސްތުވާތަކެތި ހޯދާފައި ވަނީ އައްސޭރި ޖަލުންނެވެ.