އަކްރާ (21 ޖެނުއަރީ) - ގާނާގެ ވެރިރަށް އަކްރާގެ ހުޅަނގުން 300 ކިލޯމީޓަރު ދުރުގައި އޮންނަ ބޮގޮސޯ ނަމަަކަށް ކިޔާ ސަރަހައްދުގައި ހިނގި ނުރައްކާތެރި މަގުމަތީގެ އެކްސިޑެންޓެއްގެ ސަބަބުން މުޅި އެ ސަރަހައްދަށް އުމްރާނީ ގިނަ ގެއްލުން ތަކެއް ވެއްޖެ އެވެ.

ގޮވާ ޒާތުގެ މުދާތަކެއް ބަރުކޮށްގެން ދިޔަ ލޮރީއަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓުގެ ސަބަބުން ނުރައްކާތަރި ގޮވުމެއް ގޮވާފައިވާއިރު މިހާތަނަށް 17 މީހަކު މަރުވެ އިތުރު 59 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެކްސިޑެންޓުގައި ގޮވި ގޮވުމުގެ ބާރުގަދަ ކަމުން އެ ސަރަހައްދުގައި ހުރި ގިނަ އިމާރާތްތަކެއް ބިމާ ހަމަވެ މުޅި ސަރަހައްދު ވަނީ ސުންނާފަތި ވެފަ އެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓް ސަރަހައްދުގައި ގޮވުމެއް ގޮވައި އެކި ހިސާބުތަކުގައި އަލިފާން ރޯވެފައިވާއިރު ރެސްކިއު ޓީމްތަކުން މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވެ އެވެ.

މަރުވި މީހުންގެ ތެރޭގައި އެސަރަހައްދުގައި ހިނގާބިނގާވެ އުޅުނު މީހުންގެ އިތުރުން ކައިރި އިމާރާތްތަކުގައި ތިބި މީހުންވެސް ހިމެނޭ އިރު ޒަހަމްވި މީހުންގެ ތެރޭގައި ހާލު ސީރިއަސް މީހުން ވެސް ހިމެނޭ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ގާނާގެ ރައީސް ނާނާ އަކުފޯ އައްޑޯ ވަނީ މި ހާދިސާއާ މެދު ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެ އެކްސިޑެންޓްގެ އަސަރުކުރި އެންމެހާ ފަރާތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.

އެކްސިޑެންޓްވި ސަރަހައްދުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާއިރު ސަލާމަތީ ބާރުތަކުން ދަނީ އިތުރު ގޮވުމެއް ގޮވާފާނެ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ. -- އަލް އަަރަބިއްޔާ