ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމައްޗަށް ގޮސް ވެރިންނަށް އިންޒާރުދިނީ ބަލި މީހެއް ކަމަށް އާއިލާއިން ބުނެފި އެވެ.

ރައީސް އޮފީސް ކުރިމައްޗަށް ދިއުމަށްފަހު ސަރުކާރުގެ އިސް ވެރިންނަށް އިންޒާރުދިން މައްސަލައިގައި އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކުރީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

ވެރިންނަށް މަރުގެ އިންޒާރުދިނުމާ ގުޅިގެން ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ މައްސަލައިގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ހަތް ދުވަސް ޖަހާފަ އެވެ.

އެހެންނަމަވެސް "ހުރިހާ"އާ ވާހަކަދައްކަމުން އޭނާގެ އާއިލާ މެމްބަރަކު ބުނީ އެއީ ނަފްސާނީ ބަލިމަޑުކަމަށް ފަރުވާކުރަމުން އަންނަ މީހެއް ކަމަށެވެ. އަދި އޭނާ ފަރުވާހޯދަމުން ގެންދަނީ "ބައިޕޯލާ ޑިސްއޯޑާ"އަށް ކަމަށާއި، އޭނާ މިހާރު ހުރީ ވަރަށް ބޮޑުވަރުވެފައި ކަމަށް އާއިލާއިން ބުނެ އެވެ.

އޭގެ އިތުރުން އާއިލާއިން ބުނީ އޭނާ ބައްޔަށް ފަރުވާހޯދަމުން ގެންދާކަމުގެ މެޑިކަލް ރިޕޯޓު ވެސް ފެންނަން ހުންނާނެ ކަމަށެވެ.

އޭނާގެ އާއިލާއިން ބުނީ އޭނާ އާންމުކޮށް އެހެން ވަނީ ބޭސް ނުކައި ހުންނަ ގަޑިތަކުގައި ކަމަށެވެ. އަދި އެފަދަ ވަގުތުތަކުގައި އޭނާއަށް "ޑިލިއުޝަންސް" (ހަގީގަތެއް ނުވާ މަންޒަރުތައް) ފެންނަ ކަމަށާއި، މިފަހުން އެ މައްސަލަ ވަރަށް ބޮޑުވެގެންދިޔަ ކަމަށް އާއިލާއިން ބުނެ އެވެ.

ރައީސް އޮފީސް ކުރިމައްޗަށް ގޮސް ވެރިންނަށް އިންޒާރުދިނުމާއި ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ މެއި ހައެއްގެ ހަމަލާއަށް ފަހުގައި ރައީސް ނަޝީދަށް އަމާޒުވާ ގޮތަށް މަރުގެ އިންޒާރު ދީފައިވާ މައްސަލައެއް ވެސް ފެންމަތިވެފައި ވަނިކޮށެވެ. މި މައްސަލައިގައި ހައްޔަރުކުރީ އުމުރުން 40 އަހަރުގެ އިސްމާއީލް ޔާސިފް އެވެ.