ދުބާއީ އަކީ ރިޓަޔަމެންޓް މަންޒިލަކަށް ހެދުމުގެ ގޮތުން އެ ގައުމުގެ ސަރުކާރުން "ރިޓަޔާ އިން ދުބާއީ"ގެ ނަމުގައި ރިޓަޔަމެންޓް ވިސާ ސްކީމެއް ތައާރަފުކޮށްފި އެވެ.

އުމުރުން 55 އަހަރަށް ވުރެ މަތީގެ އެގައުމުގެ ރަށްވެހިންގެ ގޮތުގައި ތިބޭ ބޭރު ގައުމުތަކުގެ މީހުންނާއި އެގައުމުގައި ދިރިއުޅޭ ބޭރުގައުމުތަކުގެ މީހުންނަށް މި ރިޓަޔަމެންޓް ވިސާއަށް އެދި ހުށައެޅޭނެ އެވެ.

މި ކަން އިއުލާނުކޮށްފައިވަނީ ބުދަ ދުވަހު، އެ ގައުމުގެ ވަލިއްޔުލް އަމްރު، މުޙައްމަދު ބިން ރާޝިދު އަލް-މަޚްތޫމްގެ އަމުރުފުޅަކަށެވެ.

މިއީ މުޅި އެ ސަރައްހައްދުގައި ވެސް އިއުލާނުކުރެވުނު މިފަދަ ފުރަތަމަ ސްކީމަށްވާ އިރު، މި ސްކީމުގެ ކަންތައް ބަލަހައްޓާނީ ދުބާއީގެ ޑިޕާޓްމެންޓް އޮފް ޓުއަރިޒަމް އެންޑް ކޮމާސް މާކެޓިން (ދުބާއީ ޓުއަރިޒަމް) އާއި ޖެނެރަލް ޑިރެކްޓޮރޭޓް އޮފް ރެސިޑެންސީ އެންޑް ފޮރިނާސް އެފެއާސް (ޖީޑީއާރްއެފްއޭ-ދުބާއީ) ގުޅިގެންނެވެ

މި ސްކީމާއި ގުޅޭ ގޮތުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ޝަރުތު ހަމަވާ ފަރާތްތަކަށް ކޮންމެ ފަސް އަހަރަކުން އާ ކުރާ ގޮތަށް ވިސާ ދެވޭނެ އެވެ.

އެންމެ ފުރަތަމަ ފޭސްގައި މި ސްކީމުން އިސްކަން ދޭނީ ދުބާއީގައި މަސައްކަތްކުރާ، ރިޓަޔަމެންޓް އުމުރަށް ގޮސްފައިތިބި ޔޫއޭއީގެ ރައްޔިތުންނަށެވެ. -އަލް އަރަބިއާ