ކުރީގެ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ ހަޔާތުގެ މައްޗަށް ހަދާ ވެބް ސީރީޒްއެއް އަންނަން އުޅޭ ކަހަލަ ހަބަރުތަކެއް ފެންމަތިވެއްޖެ އެވެ.

ހަބަރުތައް ބުނާގޮތުން، ނެޓްފްލިކްސްއާއެކު ހަދާފައިވާ 16 މިލިއަން ޕައުންޑްގެ އެއްބަސްވުމުގެދަށުން މި ވެބް ސީރީޒް ނުކުންނާނެ ކަމަށް ބެލެވެނީ 2022 ވަނަ އަހަރުގެ ކުރީކޮޅު އެވެ.

ބެކަމްގެ ސްޓޫޑިއޯ 99 މީޑިއާ ޕްރޮޑަކްޝަން ކުންފުނި އުފެއްދިތާ އަހަރެއް ވެފައިވާ އިރު، އޭނާގެ ވެބް ސީރީޒް ކޯ-ޕްރޮޑިއުސް ކުރުމަށް ހަމަޖެހިފައިވަނީ މި ސްޓޫޑިއޯއާ ގުޅިގެން ކަމަށް ހަބަރު ލިބެ އެވެ. އެގޮތުން މިވެބް ސީރީޒްގައި ދައްކުވާ ދޭނީ ބެކަމްގެ މިހާރުގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އޭނާ ކާމިޔާބީއާ ހަމަޔަށް ކުރި ދަތުރުގެ ވާހަކަ ކަމަށް ވެ އެވެ.

މީގެ އިތުރުން އޭނާގެ ވިޔަފާރި ހިންގުމާއި ވޮލަންޓިއާ މަސައްކަތްތައް ކުރިޔަށްދާ ގޮތާއި އޭނާގެ ފުޓްބޯޅަ ޓީމް އިންޓާ މަޔާމީއާއެކު އޮތް ބައިވެރިވުން އަދި ބެކަމް އާއިލީ ވަގުތުތައް ހޭދަކުރާ ގޮތާއި މާޒީވެ ގޮސްފައިވާ ހާއްސަ ދުވަސް ދުވަހު ރިކޯޑު ކޮށްފައިވާ އެކި އެކި ހަދާންތައް ފެނިގެންދާނެ ކަމުގައި މައުލޫމާތު ލިބެ އެވެ.

މިވެބް ސީރިޒްގައި ބެކަމްގެ ވާހަކަތައް ގެނެސްިދނުމުގައި އޭނާގެ އާއިލާ މެމްބަރުންގެ އިތުރުން، ކުރިން އެކުގައި ކުޅުނު ކުޅުންތެރިންނާއި އެކުވެރިން ފެންނާނެ ކަމަށް ވެއެވެ. އެގޮތުން ސީރީޒް ފެށޭ މަންޒަރުގައި ފެނިގެންދާނީ ޑޭވިޑް އާއި އޭނާގެ ބައްޕަ، ޓެޑް އެކުގައި ފުޓުބޯޅަ ކުޅެނިކޮށް ކަމަށް ހަބަރުތައް ބުނެ އެވެ.