15 ދަރިންގެ މަންމައެއް، 15 ވަނަ ދަރިފުޅު ވިހެއިތާ ތިން މަސްފަހުން 16 ވަނަ ދަރިއަށް ބަލިވެއިނދެއްޖެ އެވެ.

އުމުރުން 38 އަހަރުގެ ޕެޓީ ހެނާންޑޭޒް ބުނެފައިވާ ގޮތުގައި ދަރިން ހޯދުން ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް އޭނާގެ ނެތެވެ. އޭނާ އާއި ފިރިމީހާ ކާލޯސް، 37، އަދި ދަރިން ދިރިއުޅޭ ފަސް ކޮޓަރީގެ އެޕާޓްމެންޓްގައި ހުންނަ ނާސަރީގައި ފަސް ކުޑައެނދު ހުރެ އެވެ.

މި ދެމަފިރިން ދުވާލެއްގެ މައްޗަށް ކާބޯތަކެއްޗާއި ނެޕީއަށް އަށް އެކަނި 500 ޑޮލަރު ހަރަދުކުރެ އެވެ. މިހާރު އެއާއިލާ ދަތުރުކުރާ 16 މީހުންގެ ޖާގައިގެ ބަސް ފުރިގެން އާ ވެހިކަލެއް ގަތުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މި 15 ކުދިންގެ ތެރޭގައި ތިބެނީ ފަސް ފިރިހެން ކުދިންނާއި 10 އަންހެން ކުދިންނެވެ. މީގެ ތެރެއިން ހަ ކުދިންނަކީ އެއްމާބަނޑު ކުދިންނެވެ. އެއްމާބަނޑު ކުދިން ލިބުމަކީ ކާލޮސްގެ އާއިލީ ކަމެއް ކަމަށް އޭނާ ބުނެ އެވެ.

ފޮޓޯ؛ ޕެޓީ ހެނާންޑޭޒް

އެއްފަހަރާ 15 ދަރިންގެ ކަންތައް ކުރުމަކީ އުނދަގޫ ކަމަކަށް ވިިޔަސް ޕެޓީ ބުނި ގޮތުގައި ދަރިން ގިނަ ވުމަކީ ހިތްހަމަޖެހޭ ކަމެއް ކަމަށެވެ.

"އަހަރެން މާބަނޑުވުމުން އަބަދުވެސް ވަރަށް އުފާވޭ. އާންމުކޮށް ވިހާތާ ތިން މަސްތެރޭ އަނެއްކާވެސް ބަނޑުބޮޑުވާނެ،" އޭނާ ބުންޏެވެ.

ޕެޓީ މިވަނީ 10 އަހަރުގެ ތެރޭގައި 15 ކުދިން ވިހާފަ އެވެ.