މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާއޭ ބުނެގެން އެކަމާ ދެބަސް ވާނެ މީހަކު ހުންނާނެ ހެނެއް ހިއެއް ނުވެ އެވެ.
އެ މަނިކުފާނުގެ ވިޔަފާރިތައް ރާއްޖޭގައި ނެތް ދާއިރާ އެއް ނެތެވެ. ޓޫރިޒަމާއި މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ ރާއްޖޭގައި އާމްދަނީއެއް ލިބިދާނެ ފަދަ ކޮންމެ ދާއިރާ އެއްގައި ވެސް ގާސިމްގެ ވިޔަފާރި ގަދަޔަށް ހިނގަ އެވެ. އެ ވިޔަފާރިތަކުގައި އެތައް ބައެއްގެ ހިއްސާ ވެސް އެކުލެވެ އެވެ. އެތައް ހާސް މުވައްޒަފުންނަކަށް މުސާރަ ލިބެ އެވެ. ގާސިމްގެ އެހީގެ ދަށުން ކިޔާވާ އެތައް ސަތޭކަ ދަރިވަރުން މުޅި ރާއްޖޭގައި އެބަ ތިއްބެވެ.
ގާސިމްގެ އެހީގައި ބޭސް ކޮށްދީފައިވާ މީހުން ވެސް މަދެއް ނޫނެވެ. ޖުމްލަ ގޮތެއްގައި ބަލާއިރު އެކަކަށް ރާއްޖޭގެ އެންމެ ގިނަ ފަރުދުންގެ މައްޗަށް ނުފޫޒު ފޮރުވޭނެ އެކަކީ ގާސިމް ކަމަށް ވާނެ އެވެ. އެހެން ކަމުން ގާސިމް ސިޔާސީ ދާއިރާއަށް ނިކުމެވަޑައި ގެންނެވުމުން އެ މަނިކުފާނަކީ އެއްވެސް އެހެން މީހަކަށް ވާދަކޮށް ނުލެވޭ ފަދަ ކެންޑިޑޭޓަކަށް ވާނެ ކަމަށް ހީވި ދުވަސްވަރެއް ދިޔަ އެވެ.
ގާސިމް، އެ ހުވަފެންފުޅުގައި ސިޔާސީ ދާއިރާއާށް ނުކުންނަވައި، އެންމެ ފުރަތަމަ ރިޔާސީ އިންތިޚާބަށް ވާދަކުރެއްވީ ރާއްޖޭގައި ބޭއްވި ފުރަތަމަ މަލްޓި ޕާޓީ ރިޔާސީ އިންތިޚާބުގައި 2008 ގަ އެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް ވެސް ގާސިމަކީ އެމަނިކުފާނުގެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ. އެއަކަށް ބަދަލެއް ނާދެ އެވެ. އެ މަނިކުފާނުގެ ޕާޓީގެ ނަގާ ކިޔާ މީހުން އެމަނިކުފާނު ސިފަކުރަނީ ރާއްޖޭގެ ލޯޑް ނެލްސަން އާއި ސަލާހުއްދީނުލް އައްޔޫބީގެ ގޮތުގަ އެވެ. އެހެން ނަމަވެސް ކޮންމެ އިންތިޚާބަކުން ބަލިވެ ވަޑައިގެން ކޮންމެވެސް ޕާޓީއަކާއެކު ޑީލް ހެއްދެވުން ނޫން ކަމެއް ފާއިތުވެދިޔަ 14 ވަރަކަށް އަހަރު ތެރޭގައި އެމަނިކުފާނަށް ކުރެވުނު ކަމަކަށް ނުވެ އެވެ.
ރާއްޖޭގެ ތަފާތު ކަންކޮޅުތަކުގައި ގާސިމްގެ ނުފޫޒު އޮތް މިންވަރާ އަޅާބަލާއިރު ސިޔާސީ ގޮތުން އެމަނިކުފާނަށް ރައްޔިތުންގެ ތާއީދު ނުލިބެނީ ކީއްވެތޯ މިއީ އުފެދޭ ސުވާލެކެވެ. މި ސުވާލުގެ ޖަވާބު އެންމެ ފަސޭހައިން ލިބެނީ އެމަނިކުފާނު އެކި އެކި މުނާސަބަތުތަކުގައި ދައްކަވާ ވާހަކަފުޅުތަކުން ކަމަށް ވުން އެކަށީގެންވެ އެވެ.
"މަޖިލީހަށް ކޮންމެ މީހަކު ހޮވުނަސް، އޭނާ ކުރަހާ ތަސައްވުރަކަށް ނޫން ކަންތައްތައް ވަނީ. އަޅުގަނޑުގެ ދާއިރާ ތަރައްގީ ވަނީ، އަޅުގަނޑުގެ ހިތުގައި އޮންނަ ޗާޓާ އެއްގޮތަކަށް ނޫން. ރައީސަކަށް ހުންނަ މީހާއަށް، ހިތުގައި އޮންނަ ޕްލޭން ހުށަހެޅުމުން، އޭނާ އެކަން ކޮށްދިނިއްޔާ ވާނީ،" މިއީ ކޮމަންޑު ދާއިރާގެ ކެމްޕޭނުގައި އެމަނިކުފާނު މިދިޔަ ހަފުތާގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިން ބަސްފުޅެކެވެ.
ފުންކޮށް ވިސްނާލާއިރު މި ވާހަކަފުޅު ގުޅެނީ ރަސްކަލުންގެ އަޅުން އުޅުނު ޒަމާނާ އެވެ. ރަސްގެފާނު ރުހިވަޑައިގެންނެވި މީހަކަށް ހެޔޮފުޅުވެ ރުހިވަޑައި ނުގެންނެވި މީހަކަށް ދަތި ކުރެއްވި ޒަމާނާ އެވެ. މިއަދުގެ ދިވެހި މުޖުތަމައު މިވަނީ އެ ޒަމާން ފަހަނަޅާ އައިސް ވެރިންނަކީ ރައްޔިތުންގެ ޚާދިމުންކަމުގައި ބެލެވޭ ޑިމޮކްރެޓިކް ނިޒާމެއް ބަލައިގެންފަ އެވެ. އެހެންކަމުން ވެރިމީހާ ހިތުގައި ނުޖައްސަން އެ މީހާ ފޫހިކޮށްނުލަން ރައްޔިތުންގެ ގާތުން އެދޭ މީހަކު ދައްކާ ވާހަކަ މިއަދުގެ ދިވެހި މުޖުތަމައަށް ބަލައިގަންނަން އުނދަގޫ ވާނެ އެވެ.
ގާސިމްގެ ވާހަކަ ހަމަ އެކަނި ޒަމާނަށް ނުފެތެނީކީ ވެސް ނޫނެވެ. އޯގާތެރިކަމާއި ކުލުނުގެ އެއްވެސް ސިފަ ވެސް އެ ވާހަކަފުޅުން ނުފެނެ އެވެ. މިކަހަލަ ގާސިމް ފަދަ ބޭފުޅަކު ދެއްކެވުމުން ބަލައިގަންނަން އުނދަގޫ ވަނީ އެވެ.
"އެންމެ ކުޑަވެގެން އާސަންދަ ދޭން އިންނާނީ ވެސް އެމްޑީޕީ ދެކެ ލޯބިވާ އެމްޑީޕީ އަށް އިހުލާސްތެރި މިއަދުގެ ސަރުކާރަށް ލޯބިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމާނާތްތެރި ބޭފުޅުން. ދެން ކިހިނެއްތޯ މާ ފަސޭހައިން އާސަންދައިގެ ޝަރުތުތައް ފުރިހަމަވެއޭ ބުނާނީ، އެހެން މިހެން ހަދާފައި ކަޓުވާ ނުލާނެ ކަމަށް އަޅުގަނޑުމެންނަށް ވިސްނެނީތޯ،" ގާސިމް ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ ރައްޔިތުންނަށް ސިއްހީ ފަރުވާ ފޯރުކޮށް ދިނުމަށް އޮންނަ އާސަންދައިގެ ޚިދުމަތާ ބެހޭ ގޮތުން ގާސިމް ދެއްކެވި މި ވާހަކަފުޅަކީ ނުފޫޒާއި އޮޅުވާލުން އެ ވާހަކަފުޅުގައި އިންތިހާއަށް އެކުލެވިގެންވާ ވާހަކަފުޅެއްކަން ހަގީގަތުގައި އެމަނިކުފާނަށް ވިސްނި ވަޑައިގަންނަވާ ހެނެއް ހިއެއް ނުވެ އެވެ. އެހެނީ އާސަންދައަކީ ވަކި ޕާޓީއަކަށް ތާއީދުކުރުމުން ވަޒީފާއެއް ދޭ އުސޫލުން ދޭން ޖެހޭ އެއްޗެއް ގާސިމަށް އެނގިވަޑައިނުގަންނަވަނީތޯ ވެސް ސުވާލު އުފެދެ އެވެ.
އެހެންކަމުން ގާސިމް ފަދަ ކުޅަދާނަ ވިޔަފާރިވެރިޔަކު ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގެން ދައްކަވާ ބައެއް ވާހަކަފުޅުތައް ރައްޔިތުން ގަބޫލު ނުކުރަނީ ހަގީގަތުގައި ވެސް އެ ދައްކަވާ ވާހަކަފުޅުތަކުގެ އަސްލެއް ނެތުމުންނެވެ. ވިޔަފާރިވެރިންނަށް އޭރަކު އޮންނަ ސަރުކާރެއް މުހިންމުވާނެ އެވެ. އެކަމަކު ދައްކަން ވާނީ ރައްޔިތުންނަށް ގަބޫލުކުރެވޭ ޒާތުގެ ވާހަކަތަކެވެ.
މަށަށް ތިކަން އެނގިއްޖެ މި ސަރުކާރު އައިސް މަށަށްލިބުނު ފުލެޓް އަތުލީމަ.