ރިޒޯޓުތަކާއި އެހެނިހެން ފަތުރުވެރި ފެސިލިޓީތަކުގެ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނަގަން ފަށަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަތުރުވެރިކަން ކުރިއަށް ގެންދިއުމުގައި އެންމެންގެ ސަލާމަތާއި ރައްކާތެރިކަން މުހިންމު ކަމަށެވެ.

" ޝުކުރިއްޔާ ރައީސް ޞާލިޙް. ޝުކުރިއްޔާ ހެލްތް ޕްރޮޓެކްޝަން އެޖެންސީ،" މައުސޫމް ވިދާޅުވެފައިވެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 30 ރިސޯޓަކުން 52 ޓޫރިސްޓުންނާއި 120 ސްޓާފުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. މީގެ ތެރެއިން އެންމެ ގިނަ ސްޓާފުން ޕޮޒިޓިވްވެފައި ވަނީ ދ. ކަނޑިންމަ ރިސޯޓުންނެވެ.

އެ ރިސޯޓުން ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ކޮވިޑަށް ޕޮޒިޓިވްވެ އެކަކު މަރުވެފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ތިން މަހު ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން ޖުލައި މަހު އައި 1،752 ޓޫރިސްޓުންގެ ތެރެއިން ޕޮޒިޓިވް ރޭޓް އުޅެނީ 0.06 ޕަސެންޓްގަ އެވެ. އަދި އޮގަސްޓް މަހު އައި 7,628 ޓޫރިސްޓުންގެ ތެރެއިން ޕޮޒިޓިވްވީ 0.26 ޕަސެންޓް އެވެ. ސެޕްޓެމްބަރު މަހު އައި 9,538 ޓޫރިސްޓުންގެ ތެރެއިން ޕޮޒިޓިވްވީ 0.36 ޕަސެންޓް އެވެ. އަދި މިދިޔަ މަހު އައި 21,515 ޓޫރިސްޓުންގެ ތެރެއިން ޕޮޒިޓިވް 0.10 ޕަސެންޓް މީހުންނެވެ.