އުތުރު ކޮރެއާ (31 ޖެނުއަރީ) - އުތުރު ކޮރެއާއިން ވަސޮންގް 12 މިޑް ރޭންޖް ބެލިސްޓިކް މިސައިލްއެއް ޓެސްޓު ކޮށްފައިވާ ކަމަށް އެގައުމުގެ އިދާރާތަކާ ހަވާލާދީ ދައުލަތުގެ މީޑިއާ ކޭސީއެންއޭ އިން ރިޕޯޓު ކޮށްފި އެވެ.
އުތުރު ކޮރެއާއިން ޓެސްޓު ކުރި މި މިސައިލްއަކީ 2017 ވަނަ އަހަރަށްފަހު ޓެސްޓު ކުރެވުނު މި ސައިޒުގެ އެންމެ ބޮޑު މިސައިލް ކަމަށް އެގައުމުން ބުނެ އެވެ.
އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލްއެއް ޓެސްޓު ކުރިކަން އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ ދެކުނު ކޮރެއާއާއި ޖަޕާނުގެ އިދާރާތަކުން މިދިޔަ އާދީއްތަ ދުވަހު އެވެ.
މިއީ 2017 ވަނަ އަހަރު އުތުރު ކޮރެއާއިން އެގައުމުގެ މިސައިލްތައް ޓެސްޓު ކުރުމާއި ނިއުކްލިއާ ހަރަކާތްތައް މެދުކަނޑާލި ފަހުން ކުރިއަށް ގެންދިޔަ އެންމެ ބޮޑު މަޝްރޫއު އެވެ.
"މި މިސައިލް ޓެސްޓު ކުރެވުނީ ވަސޮންގް 12 މިޑް ރޭންޖް މިސައިލްތަކުގެ އެކިއުރެސީ ބަލައި ޔަގީން ކުރުމުގެ މަގްސަދުގައި،" ކޭއެންސީއިން ރިޕޯޓު ކުރި އެވެ.
ކޭއެންސީއިން އިތުރަށް ބުނީ މިސައިލް ޓެސްޓު ކުރެވިފައިވަނީ އަވަށްޓެރި ގައުމުތަކުގެ ސަލާމަތަށް ނުރައްކާ ނުވާނެ ގޮތަށް ބަލައިގެން ކަމަށާއި ޖައްވުގައި މިސައިލް ދަތުރު ކުރަމުން ދިޔަ ވަގުތު އޭގައި ހަރުކޮށްފައިވާ ކެމެރާއެކުން ފޮޓޯތައް ނެގިފައިވާނެ ކަމަށެވެ. -- އަލް އަރަބިއްޔާ