ސޯލް- (އޮގަސްޓް25) ސައުތު ކޮރެއާގެ ވެރިރަށް ސިއޯލްގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ އެ ސަރަހައްދުގެ ހުރިހާ ސްކޫލެއް ބަންދުކޮށްފި އެވެ.
ފާއިތުވެދިޔަ ދެ ހަފްތާގެ ތެރޭގައި ގްރޭޓާ ސިއޯލް އޭރިއާގެ 200 މުދައްރިސުންނާއި ދަރިވަރުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވެ އެވެ.
ސިއޯލްގެ ސްކޫލްތައް ބަންދުވި ކަމުގައި ވިޔަސް އެހެން ސަރަހައްދުތަކުގެ ސްކޫލަތަކުގައި 11 ސެޕްޓެމްބަރާއި ހަމަޔަށް ކިޔެވުން ކުރިއަށްދާނެ ކަމަށް އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރިއިން ވަނީ މައުލޫމާތު ދީފަ އެވެ.
ސިއްހީ ކަމާބެހޭ ފަރާތްތަކުން ވަނީ މުޅި ގައުމަށް ބަލި ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
25 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސިއޯލްގެ ހައި ސްކޫލްގެ ފަހު އަހަރުގައި ކިޔަވަމުންދާ ދަރިވަރުން ފިޔަވާ އެހެން ހުރިހާ ކުދިންނަށް އޮންލައިން ކްލާސްތައް ނަގައިދޭނެ އެވެ. ހައި ސްކޫލްގެ ފަހު އަހަރުގައި ކިޔަވާ ކުދިންނަކީ ޑިސެމްބަރު މަހުގެ ތެރޭގައި ޔުނިވަސިޓީ އިމްތިހާނުގައި އިށީންނަ ކުދިންނެވެ.
60 ދަރިވަރުންނަށް ވުރެ މަދުން ތިބޭ ސްކޫލްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ސްކޫލްތަކަށް މިނިސްޓްރީގެ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރާނެތޯ ނުވަތަ ނޫންތޯ އިހްތިޔާރު ކުރުމުގެ ބާރު ދީފައިވާ ކަމަށް ކޮރެއާ ޓައިމްސްގައި ރިޕޯޓުކޮށްފައި ވެ އެވެ.
ކޮވިޑް-19 ޖެހިގެން ސައުތު ކޮރެއާއިން މިހާތަނަށް 310 މީހުން މަރުވެފައިވާ އިރު 17،945 މީހުން އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ޖޯން ހޮޕްކިންސް ޔުނިވަސިޓީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. -- ބީބީސީ