ރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ބަންގްލަދޭސްގެ ރައްޔިތުންނަށް ކޮވިޑް-19 ޕެންޑަމިކްގައި ދިވެހި ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅުވާފައި ހުންނެވި ސަފީރު ޝުކުރު އަދާކުރައްވައިފި އެވެ.

ބަންގްލަދޭސް ސަފީރު ރިއަ އެޑްމިރަލް މުހައްމަދު ނަޒްމުލް ހަސަން ދިވެހި ސަރުކާރަށް ޝުކުރު އަދާކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އަރިހަށް ވަދާއީ ޒިޔާރަތް ކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި އެވެ.

މިއަދު މެންދުރުކުރީގައި ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ބަންގްލަދޭސްގެ ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތް ފާހަގަކުރައްވައި ތައުރީފު ކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ކުރިމަގުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފަ އެވެ. މީގެ އިތުރުން އިންސާނީ ވަސީލަތް ކުރިއަރުވާ ތަރައްގީކުރުމާއި މަތީ ތައުލީމާއި ސިއްހީ ދާއިރާއާއި އިގްތިސާދީ ދާއިރާއިން އެއްބާރުލުންދިނުން ފަދަ ސަރުކާރުން އިސްކަންދޭ މުހިންމު ކަންކަމުގައި ބަންގްލަދޭޝް ސަރުކާރުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި ބަނގްލަދޭޝް ސަފީރަށް ރައީސް ސޯލިހު ތައުރީފު ކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭސްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ބަނގްލަދޭޝްގެ ރައްޔިތުންނަށް ކޯވިޑް-19 ޕެންޑަމިކްގައި ދިވެހި ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވި އެވެ. ހަމައެހެންމެ ދިވެހި ސަރުކާރުން ބަންގަލަދޭޝްގެ ރައްޔިތުންނަށް 201،600 އެސްޓްރާ ޒެނެކާ ވެކްސިން ޑޯޒް ހަދިޔާކުރައްވާފައި ވާތީ އެކަން ޝުކުރުވެރިކަމާއެކު ސަފީރު ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ލީޑަރުންނާއި ސަރުކާރު ތަމްސީލުކުރައްވާ ފަރާތްތަކުން ދެ ގައުމަށް ކުރެއްވި ދަތުރުފުޅުތައް ފާހަގަކުރައްވައި އޭގެ ސަބަބުން ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވާފަ އެވެ.

ދިވެހިރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ ސެޕްޓެމްބަރު 22، 1978 ގަ އެވެ.