މާލޭގައި އިންޑިއާ ފިރިހެނަކު އޭނާގެ އަނބިމީހާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ އަންހެނަކަށް، އޭނާގެ ފިރިމީހާ ގެވެށި އަނިޔާ ކުރުމުގެ މައްސަލައެއް ފުލުހުންނަށް މިއަދު ހެނދުނު 6:20 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އަނބިމީހާއަށް ހަމަލާދިނީ އުމުރުން 37 އަހަރުގެ ބިދޭސީއެއް ކަމަށާއި، ދެ މީހުންނަކީ ވެސް އެއްގައުމަކަށް ނިސްބަތްވާ ބައެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އޭރު މީހުން ނިސްބަތްވާ ގައުމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

މި މައްސަލާގައި ފުލުހުން ފަހުން ބުނެފައި ވަނީ އިންޑިއާގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަނިޔާ ލިބުނު އަންހެން މީހާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ. އެ ވީޑިއޯއިން އަންހެން މީހާ ވަރަށް ބޮޑަށް ޒަހަމްވެފައިވާ މަންޒަރު ވެސް ފެނެ އެވެ. އަދި ތޫނު އެއްޗަކުން ޒަހަމްކުރިއިރު، ފުލުހުން ފަހުން ވަނީ ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ދެ މީހުންނަށް ވެސް އަނިޔާވެފައިވާ ކަމަށް ބުނެފަ އެވެ.

ފުލުހުންގެ އެހީތެރިކަމާއެކު އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ފުލުހުން ބުނީ އޭނާއަށް ދަނީ އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި މިކަން އިތުރަށް ތަހުގީގުކޮށް، ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.