ގެވެށި އަނިޔާގެ ޝިކާރައަށްވާ މީހުންނަށް ފަރުވާކުރުމަށް ތިން މަރުކަޒެއް ގާއިމުކުރަން ސަރުކާރުން ނިންމައިފި އެވެ.

މި އަހަރަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ، ގެވެށި އަނިޔާގެ ޝިކާރައަށްވާ މީހުންނަށް ދުޅަހެޔޮ ދިރިއުޅުމަކަށް އަނބުރައި ގެނައުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އަދި އެކަމުގެ ދަށުން މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ކަމަށާއި، އޭގެ ތެރޭގައި އެފަދަ މީހުންނަށް ހާއްސަކޮށްގެން ތިން މަރުކަޒެއް ގާއިމުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، ގެވެށި އަނިޔާއިން ސަލާމަތްކޮށް، ދުޅަހެޔޮ ސިއްހަތަކަށް އަނބުރައި އެމީހުން ގެނައުމަށްޓަކައި ފަރުވާދޭ މަރުކަޒުތައް ގާއިމުކުރަން ސަރުކާރުން ނިންމާފައި ވަނީ ހުޅުމާލެ، ރ. އުނގޫފާރު އަދި ހިތަދޫ މަރުކަޒުގައި ކަމަށެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ މީހުން ގެވެށި އަނިޔާގެ ޝިކާރައިގެ ރިޕޯޓު ކޮށްފައިވެ އެވެ. މިގޮތުން އިއްޔެ ވެސް ގެވެށި އަނިޔާގެ ރިޕޯޓެއް ކޮށްފައިވެ އެވެ.

ފުލުހުން ބުނީ އަންހެނަކަށް، އޭނާގެ ފިރިމީހާ ގެވެށި އަނިޔާ ކުރުމުގެ މައްސަލައެއް ފުލުހުންނަށް އިއްޔެ ހެނދުނު 6:20 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި އަނިޔާވި އަންހެން މީހާއަށް ދަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންނެވެ.