އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ވަރު ޖަހާލަން ލިބުނު ފުރުސަތުގައި ނަގާ ކޮމަންޑޫ ދާއިރާގެ ކެމްޕެއިން ހޫނުކޮށް އޮއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިވަނީ އެއްބަޔަކަށް އުންމީދުން ފުރިގެންވާ އަނެއް ބަޔަކަށް ރައްޔިތުނާ ގުޅުމެއް ނެތް، 45 މިނިޓުގެ ދިގު ރިޔާސީ ބަޔާނެއް އިއްވައިފަ އެވެ.

އެ މަނިކުފާނުގެ މިއަހަރުގެ ބަޔާނަކީ މުހިންމު ބަޔާނެކެވެ. ދައުރު ނިމެން އަހަރަކަށް ވެފައި ވާއިރު ވައުދުތައް ފުއްދެމުން ދަނީ ކިހާ ވަރަކަށްތޯ ވަޒަން ކޮށްލަން ލިބޭ ފުރުސަތަކަށް ވާތީ އެވެ.

ހަމަ އެކަނި ސަރުކާރަށް ސަޕޯޓުކުރާ މެންބަރުންގެ ކުރިމަތީގައި ރައީސް ތަގުރީރު ކުރައްވަން ފެށްޓެވީ މަޖިލީހުގެ ހޯލު އެމަނިކުފާނުގެ ވާހަކަފުޅަށް ލިބޭ ތަރުހީބުން ގުގުމައިގެން ދާނެކަން އެނގިވަޑައިގެން ހުންނަވަ އެވެ. އެ ޔަގީންކަމާއެކު ސަލަވާތުގެ ބަރަކާތުން މަޖިލީހުގެ އިއްޒަތްތެރި ރައީސާ މުޚާތަބުކުރައްވައި ބަޔާން ފެއްޓެވިއިރު ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކިކަންކޮޅުތަކުގައި ޚިތާބު އަޑުއަހަން ދިވެހި އެތައް ރައްޔިތަކު ތިއްބެވެ. އޭގެ ތެރޭގައި މަޖިލީހުގެ ޖަލްސާ ބޮއިކޮޓްކުރެއްވުމަށް ފަހު ގޭގައި ތިއްބެވި މެންބަރުންނާއި އިދިކޮޅު ޕާޓީތަކުގެ ވެރިން ވެސް ހިމެނެ އެވެ.

މާލޭގައި ދިރިއުޅޭ ދެކުނުގެ ރަށަކަށް ނިސްބަތްވާ މުހައްމަދު ސާލިމް ވެސް އިނީ އޭނާގެ ދިރިއުޅުން ހަމަ ޖެހިފައި ހުރި ކުޑަ އެޕާޓްމެންޓުގެ ސިޓިން ރޫމުގައި ރިޔާސީ ބަޔާން އަޑު އަހާށެވެ. އެ ބަޔާނުން ހަޔާތަށް އިތުރު ބަދަލެއް އައިސްދާނެކަމުގެ އުންމީދުގަ އެވެ.

ރައީސްގެ ވާހަކަފުޅު ފެއްޓެވީ މަޖިލީހުގެ ރައީސަށް ދިމާވި ޓެރަރިސްޓް ހަމަލައިގެ ވާހަކައިންނެވެ. އެ ހަމަލާ ކުށްވެރި ކުރެއްވި އެވެ. ރަނގަޅެވެ އެއީ ކޮންމެހެން ވެސް ދައްކަވަން ޖެހިވަޑައިގަންނަވާ ވާހަކަ ފުޅެކެވެ. އެކަމަކާ ސާލިމްގެ ވެސް މައްސަލައެއް ނެތެވެ. އެއާ ވިދިގެން ރައީސް ވިދާޅުވީ ފާއިތު ވެދިޔަ ތިރީހަކަށް އަހަރު ވެސް ރިޔާސީ ބަޔާނުގެ މުހިންމު ވާހަކައެއްގެ ގޮތުގައި ތަކުރާރުވަމުން އަންނަ ވާހަކައެކެވެ. އެމނިކުފާނު ވިދާޅުވި އެވެ.

"ދިވެހި ޤައުމިއްޔަތު ބިނާވެ، ދިރިދެމިއޮންނަންޖެހޭ ބަހާތަކުގެ މައްޗަށް ތާއަބަދުމެ ސަރުކާރު މިއޮތީ ސަމާލުވެ ހޭލާ. މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤްލާލަށް ބުރުލެއް އަދި ގުޑުމެއް އައުމަށް ސަރުކާރުން ކުޑަވެސް ފުރުޞަތެއް ނުދޭނެ. ދިވެހިންގެ އަމާން ޞުލްޙަވެރި ދިރިއުޅުމުގެ މައްޗަށް ނާމާންކަމާއި، ހަތުރުވެރިކަމާއި، ޢަދާވާތްތެރިކަމަކަށް ވެރިވެއެއްނުގަނެވޭނެ،" މިހެންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަހަރަށް ރިޔާސީ ބަޔާން މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއި އިއްވަވަނީ. ފޮޓޯ: ރައީސް އޮފީސް

އެއާއެކު މެންބަރުންގެ ހޫނު ތަރުހީބުގެ އަޑު ގުގުމި އެވެ. ސާލިމް ވެސް އޭނާގެ އަތް ނަގައި ބާރަށް ޖަހާލަން ކަމަށް ހިތަށް އެރި އެވެ. އެހެން ނަމަވެސް އެ އަތަށް ހުއްޓުމެއް އައީ އެ ވިދާޅުވީ ހަމަ ރަނގަޅު ވާހަކަފުޅެއް ބާއޭ ހިތާހިތާ ސުވާލު ކުރެވުމުންނެވެ.

ސާލިމް ހިތަށް އެރިއެވެ. ދިވެހި ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް ބުރޫ އަރާނީ ކިހާ ވަރެއް ވީމާ ހެއްޔެވެ. ބޭރުގެ މިލިޓަރީ ބާރެއް މިލިޓަރީ ވަސީލަތްތަކާއެކު (ހެލިކޮޕްޓަރާ މަތިންދާ ބޯޓު) ރާއްޖޭގައި އެބަ ތިއްބެވެ.

އެ މީހުންނަކަށް ރާއްޖޭގެ ގާނޫނެއް ނުހިނަގަ އެވެ. ނުވިތާކަށް ގާނޫނީ ސަރުކާރަކުން ރާއްޖެއިން ފައިބައިގެން ދާން އެންގުމުން އެ އަޑު ވެސް ނޭހި އެވެ. އެ މީހުންގެ ކިއްލާތަކާއި މަރުކަޒުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި އެދަނީ ވަރުގަދަ ކުރަމުންނެވެ.

އެ މީހުންގެ ދީނީ އަޅުކަން ކުރާ ތަންތަން ގާއިމުކޮށް އެ މަރުކަޒުތައް ދުނިޔޭގެ ޗާޓުގައި އެވަނީ ފާޅުގައި ޖަހާފަ އެވެ. އެހެން ކަމަށް ވަންޏާ ރާއްޖެއަށް އޮތީ ކޮން މިނިވަންކަމަކާ އިސްތިގުލާލެއް ހެއްޔެވެ؟ ދީން ހިމާޔަތް ކުރެއްވުމަށް އެމަނިކުފާނަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ މިއީ ހަމަ ސާލިމްގެ ހިތުގައި ވެސް އުފެދުނު ސުވާލުތަކެކެވެ.

ރައީސްގެ ވާހަކަފުޅު ކިތަންމެހާ ވެސް ފޮންޏެވެ. އިބާރާތްތައް ފުރިހަމަ އެވެ. އެ ލިޔުނު މީހަކަށް އޭ ޕްލަސް އެއްވެސް ދޭންވީ އެވެ. އެހެން ފަހަރުތަކަށް ވުރެ ބޮޑަށް ރައީސް ވެސް ވަނީ މިފަހަރުގެ ޚިތޯބު ފަރިތަ ވެސް ކުރައްވާފަ އެވެ.

ރާއްޖޭގެ ހިންގުމުގެ ވައްޓަފާޅި ބަދަލުކޮށް ހިންގުން ލާމަރުކަޒުކޮށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ދައުލަތުގެ ވަސީލަތްތައް ބެހިގެން ދިއުމަކީ އެކަމުން އެންމެނަށް ފައިދާ ލިބޭނެ ކަމެކެވެ. މިވާހަކަ ދައްކާތާ މިހާރު ގިނަ ޒަމާންތަކެއް ވެއްޖެ އެވެ. ރައީސްގެ ވާހަކަފުޅުގައި އެކަމަށް ވެސް އިޝާރާތް ކުރެއްވި އެވެ.

"ރާއްޖެ ހިންގަމުން އައި އިޤްތިޞާދީ އަދި އިޖުތިމާޢީ ވައްޓަފާޅި ތަފާތު. މިކަމަށް ޒަމާނާ ގުޅޭ ބަދަލުތައް ގެނައުމަކީ އަޅުގަނޑުމެންވީ ވަޢުދެއް. އޭގެ ފެށުމަކީ ލާމަރުކަޒީ ނިޒާމް. އެއްތަނެއްގައި ހިފެހެއްޓި، ގަނޑުވެފައިވާ ތަރައްޤީ، އޭގެ ޒާތުން ދިރި، މުޅި ރާއްޖެއަށް ބެހޭނެ ޖާގަ އުފެއްދުން. ޚިދުމަތްތަކާއި ވަޒީފާތައް ލާމަރުކަޒު ކުރުން. ތިމާވެށްޓާ ރައްޓެހި ޖަޒީރާ ރާއްޖެއަކަށް ހިޖުރަކުރުން. ފަޚްރުވެރި ޢާއިލާއެއް ބިނާވާނެފަދަ، އަޅާލުމާއި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުން. ތަފާތުކުރުމެއްނެތި، އަސާސީ ޚިދުމަތްތައް ގާތުން ލިބޭނެ މަގު ކުރުކޮށްދިނުން. އަދި ދިވެހި ދައުލަތުގެ ވެރިކަމުގެ ބުރުސޫރަ، ހެޔޮވެރިކަމުގެ ބައްޓަމަށް ބަދަލުކުރުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަހަރަށް ރިޔާސީ ބަޔާން މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއި އިއްވަވަނީ. ފޮޓޯ: ރައީސް އޮފީސް

އެކަންތައް އެ ވިދާޅުވި ގޮތައް އެބަ ދޭބާވަ އެވެ. މިއީ ސާލިމުގެ ސުވާލެވެ. އެ ވިދާޅުވި ގޮތަށް ކަންތައް ކުރިޔަށްދާ ކަމަށް ވަންޏާ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ބޭނުން މީހަކު އެ ދާއިރާގެ މެންބަރުކަމަށް ހޮވައިގެން އެ މީހުން ބޭނުންވާ ތަރައްގީ ނުލިބޭނެކަމުގައި ރައީސް އެ ވިދާޅު ވަނީ ކީއްވެގެން ހެއްޔެވެ؟ ހަމަ ގައިމުވެސް ތަރައްގީ ބޭނުމިއްޔާ އެމްޑީޕީގެ މެންބަރަށް ވޯޓު ދެއްވާށޭ ރައީސް ވިދާޅުވި ވިދާޅުވުމާ މި ވާހަކަޔަކާ ދިމަލެއް ނުވެ އެވެ. އެހެންކަމުން ސާލިމަށް ވިސްނުނީ ރިޔާސީ ބަޔާނަކީ ކޮންމެ ވެސް މީހަކު ލިޔެދީފައި އޮތް މޮޅު ބަޔާނެއްކަމުގަ އެވެ. އޭގައި އެވާ ވާހަކައަކަށް ރައީސް ވިސްނަވާފައި އޮތް ހެނެއް ހިޔެއް ނުވެ އެވެ.

ރާއްޖޭގައި ތައުލީމީ އާ ޖީލެއް ބިނާކުރައްވާ ކަމުގައި ވިދާޅުވެ ރައީސް ވަރަށް ގިނަ ވާހަކަ ފުޅު ދެއްކެވި އެވެ. ޖީބުން ޚަރަދުނުކޮށް ޑިގްރީ ހެދޭ ވާހަކައާއި އިތުރަށް ކިޔަވަން ލޯނު ދޭ ވާހަކަ އެވެ. އެ ވާހަކަތަކުގެ ޖޯޝުގައި ސާލިމު ޖެހޭ ހިތް ނުވީ އޭނާގެ ދަރިން ވެސް އެފަދަ ޑިގްރީ ނަގާފައި ތިއްބަސް އެ މީހުންދާ އޮފީސްތަކުގެ ސިޔާސީ މަގާމުތަކުގައި ތިބެނީ ޑިގްރީއެއް ނެތް މީހުން ކަމަށް ވާތީ އެވެ.

އެހެން ކަމުން ބުރަ މަސައްކަތުން ކިޔަވަންވީ ވެސް ކީއްކުރަންހޭ ބައެއް ފަހަރު ހިތަށް އަރާ ހިސާބަށް ކަންތައް މިވަނީ ގޮސްފަ އެވެ. އެއާ އެކުއެކީ ހެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވާ ވާހަކަ އިވުމުން ކުޑަކޮށް ނިދި ޖެހެމުން ދިޔަ ސާލިމަށް ލޯ ހުޅުވާ ލެވުނެވެ. އެއީ އޭނާގެ ދޮށީ އަންހެން ދަރިފުޅަށް ލިބޭނެ ބޮޑު އުފަލެކެވެ. ޓީޗަރެއްގެ ގޮތުގައި އުފަލަން ޖެހޭ ބުރަ އާއި އެކަމަށް އެކަށީގެންވާ މުސާރައެއް ނުލިބޭ ވާހަކައަކީ އަބަދު ވެސް އޭނާގެ ޝަކުވާ އެކެވެ. އެކަމަކު ވިސްނާލަން ޖެހޭކަމަކީ އެ ހުރިހާ ފައިސާއެއް ސަރުކާރުން ހޯދާ ގޮތެކެވެ. ކޮވިޑާއެކު ވެއްޓުނު ވަޅުގަނޑުން އަދި އަރައި ގަނެވޭނެ ދުވަހެއް ޔަގީން ކަމާއެކު އަދި ނޭނގެ އެވެ. އެކަމަށްޓަކައި ކުރަން ޖެހޭ ޚަރަދުތައް ކުރުމަށް ބޭނުން ވަރަކަށް ފައިސާ ޖަހަން މަނިޓަރީއަށް ހުއްދަ ލިބިފައި އޮތް ވާހަކަ ސާލިމަށް ހަނދާން ވީ ދެނެވެ. މުސާރަ ބޮޑުވުމުގެ އުފާ މާޔޫސް ކަމަކަށް ބަދަލުވީ ފައިސާ ޖަހައިގެން ބެހުމުން އުފުލޭ އިންފްލޭޝަނުގެ ނަތީޖާ ސާލިމަށް އެނގޭތީ އެވެ.

ސާލިމު ވިސްނަން ބޭނުންވީ ރިޔާސީ ބަޔާނުގައި ހުންނާނީ ހުސް ދެކޮޅު ނުޖެހޭ ވާހަކަ ނޫން ކަމުގަ އެވެ. އާރުލާ ކޮންމެ ވެސް ވާހަކަފުޅެއް ވެސް ވިދާޅުވާނެކަމުގަ އެވެ. އެހެންކަމުން ބޯހިޔާވަހިކަމުގެ ވާހަކަ ރައީސް ފެއްޓެވުމުން ސާލިމް ކޮފީ ތަށި އެއްފަރާތެއްގައި ބަހައްޓާފައި އިށީނދެއިން ގޮނޑި ކުޑަކޮށް ޓީވީއާ ކައިރިކޮށްލި އެވެ.

ސާލިމަކީ ވެސް ވިހޭއްސުރެ މާލޭގައި އުޅެ މުސްކުޅި އުމުރަށް ގޮސް ހުރި ފިރިހެނަކަށްވީމަ އެވެ. އޭނާ ކިޔެވީ މާލެއިންނެވެ. ދިރިއުޅުމެއް ފަށައި ދަރިން ލިބި ބޮޑެތިވީ ވެސް މާލޭގަ އެވެ. މާފަންނުއާގެ ވީރާނާވި ތަނާއި މާފާންނުވިލާ ވެސް ސާލިމަށް ފެނުނެވެ. މާލޭ މީހަކަށް ނުވިޔަސް އެހެން ރަށެއްގައި ވެސް ސާލިމަށް ވަކި ގޮސް އުޅޭނެ އަމިއްލަ ގެއެއް ނެތެވެ. އެހެންކަމުން ގެދޮރުވެރިކަމާ ބެހޭ ވާހަކަ ސާލިމު ހުރީ ވަރަށް ރަނގަޅަށް ކަނުލާ އަހައިގެންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަހަރަށް ރިޔާސީ ބަޔާން މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއި މިއަދު އިއްވަވަނީ. ފޮޓޯ: ރައީސް އޮފީސް

މުޅި ރާއްޖޭގެ އެތަން މިތާނުގައި ގެދޮރުވެރިކަމުގެ ބައެއް މަސައްކަތްތައް ހިނގާކަމުގައި ވިދާޅުވެފައި ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ދެއްވާނެ ވާހަކަ އެވެ. އެ ވާހަކައާއެކު ސާލިމް ވެސް އަތް ޖަހައިލި އެވެ. މާލޭގެ ރައްޔިތަކަށް ނުވެގެން އޭނައަށް ގޯއްޗެއް ނުލިބުނަސް މާލޭގެ ރައްޔިތުންނަށް ގޯތި ލިބިތަނަސް ކަމުގައި އުޅޭނަމަ އޭނައަށް ވެސް އޭގެ އަރާމު ކޮންމެ ވެސް ގޮތަކަށް ވާނެ ކަމުގައި ދެކޭތީ އެވެ. އެހެންކަމުން އެ ވާހަކަތައް ކަނުލައި އަހަން އިންދާ ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އެންމެ 5،000 ގޯތި ދެއްވާނެ ކަމަށެވެ. އޭގެ ތެރެއިން ވެސް ވަގުތުން ދެވެން އޮތީ އެންމެ 1،000 ގޯއްޗެވެ. އެއީ ހުޅުމާލޭގެ ބިމުން ގޯތި ދެވެން އޮތް މިންވަރެވެ. ދެން ވިދާޅުނީ ފުންމިން ނޭނގޭ ކަނޑުފަޅުގެ އެކި ހިސާބުތަކުން ދެއްވަން ވިދާޅުވި ގޯތިތަކެކެވެ.

ސާލިމަށް އެ ހިސާބުން ވިސްނުނީ މިހެން ދައްކާ ވާހަކައަށް ސަމާލުކަން ދޭން ހޭދަކުރެވޭ ވަގުތަކީ ވެސް ބޭކާރު ވަގުތެއް ކަމަށެވެ. ޓީވީ ނިއްވާލައިފައި ސާލިމް ތެދުވިއިރު ސާލިމެކޭ އެއްފަދައިން ރިޔާސީ ބަޔާނާމެދު އުއްމީދު ގެއްލުނު ގިނަ ބަޔަކު ތިއްބެވެ. ހަމަ އެފަދައިން އެ ބަޔާނުގެ އުންމީދުގައި އަތްޖަހަމުން ހިނގާ ބަޔަކު ވެސް އެބަ ތިއްބެވެ.