ސްރީލަންކާގައި ގެއްލިގެން ހޯދަމުންދިޔަ ދިވެހި ދަރިވަރު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ގެއްލިގެން ހޯދަނިކޮށް މަރުވެފައި ވަނީ އުމުރުން 21 އަހަރުގެ އަފްހާމް ނަސީރެވެ. އަދި އޭނާ އަކީ ލަންކާގައި ތައުލީމު ހާސިލްކުރަމުން ގެންދިޔަ ދަރިވަރެކެވެ.

އިފްހާމް ގެއްލިގެން އޭނާގެ އާއިލާއިން އެކަން އިއުލާނުކޮށްފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ. އޭނާ އެންމެ ފަހުން ހަބަރެއް ވެފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި، ގެއްލުނު އިރު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓެއް ކަމަށް އާއިލާއިން ބުނެފައިވެ އެވެ.

މައުލޫމާތުލިބޭގޮތުގައި އޭނާ މަރުވެފައި އޮއްވައި ފެނިފައިވަނީ ވެއްލަވައްތަ ރެއިލްވޭ ސަރަހައްދުންނެވެ. އަދި އަފްހާމްއާ އެކު އިތުރު މީހެއްގެ ހަށިގަނޑު ވެސް ފެނިފައިވާ ކަމަށް ލަންކާގެ ފުލުހުން "ހުރިހާ" އަށް ބުންޏެވެ.

ލަންކާގެ ޕޮލިސް އިންޓެލިޖެންސުން މިހާރު ވަނީ އަފްހާމްގެ ގާތް އެކުވެރިޔާއަށް ފޮޓޯ ދައްކައި އެއީ އަފްހާމްކަން ކަށަވަރުކޮށްފަ އެވެ. ނަމަވެސް އިފްހާމް މަރާލިކަމެއް ނުވަތަ އަމިއްލައަށް މަރުވިކަމެއް މިހާތަނަށް ޔަގީންވެފައެއް ނުވެ އެވެ.

"ހުރިހާ" ވާހަކަދެއްކި އަފްހާމްގެ ގާތް ރައްޓެއްސަކު ނަން ހާމަ ނުކުރުމަށް އެދި ބުނީ، އިފްހާމް ރޭގެ 12 ޖަހާއިރު އޭނާއަށް ގުޅި ކަމަށެވެ. ނަމަވެސް އަފްހާމް ގުޅި ވަގުތު ފޯނު ކައިރީގައި ނެތުމުން އެ ވަގުތު ފޯނު ނުނެގުނު ކަމަށް އޭނާ ބުންޏެވެ.

އެ މީހާ އިތުރަށް ބުނީ، އަފްހާމް ގެއްލުނުކަމުގެ މައުލޫމާތު ލަންކާގެ ވައިބާ ގްރޫޕުތަކުގައި ދައުރުވުމާ ގުޅިގެން، ލަންކާއަށް ނިސްބަތްވާ އަފްހާމްގެ ގާތް ރައްޓެއްސަކަށް އޭނާ ގުޅި ކަމަށެވެ. އަދި ލަންކާއަށް ނިސްބަތްވާ ރަހުމަތްތެރިޔާ އަށް ގުޅައި އެންމެ ފަހުން ދެއްކީ އަމިއްލައަށް މަރުވާ ވާހަކަތައް ކަަމަށް ވެސް އޭނާ ބުންޏެވެ.