މޮރޮކޯގެ ތަމްރުތު ނަމަކަށް ކިޔުނު އަވަށުގައި ހުރި 32 މީޓަރު ފުން ވަޅުގަނޑަކަށް ވެއްޓުނު އުމުރުން އެންމެ ފަސް އަހަރުގެ ރަޔާން އައުރަމްގެ މަރުގެ ހަބަރާއެކު މުޅި ދުނިޔެ ރޮއްވާލައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު ރަޔާން ވަޅުގަނޑަށް ވެއްޓުނީ އެ ވަޅުގަނޑު ކައިރީގައި ކުޅެން އުޅުމުގެ ތެރޭގަ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ބޭނުން ނުކޮށް ހުރި އެ ވަޅުގަނޑުގައި ހުރީ ރަނގަޅަށް މަތި ވެސް ނުޖަހަ އެވެ.
ވަޅުގަނޑަށް ވެއްޓުމާއެކު ރަޔާން ގޮސް ޖެހުނާ ވަޅުގެ އެންމެ ފުނުގަ އެވެ. އެއާއެކު ދެން ފެށުނީ އެކުއްޖާ ސަލާމަތް ކުރަން ކުރި ބޮޑު އޮޕަރޭޝަނެކެވެ.
ވަޅުގެ ބޮޑު މިނުގައި ހުރީ އެންމެ 9.8 އިންޗި ކަމުން ރެސްކިއު މިޝަންގެ މެމްބަރުންނަށް ވަޅަށް އެރޭ ގޮތެއް ނުވި އެވެ. އެހެން ކަމުން ދެން ޖެހުނީ އެ ވަޅުގަނޑާ ޖެހިގެން އެހެން ވަޅެއް ކޮނެ ރަޔާން އޮތް ފުން މިނަށް ކޮނެވުމުން އެވަޅާ ހަމައަށް ހުރަސް ވަޅެއް ކޮންނާށެވެ.
ހަތަރު ބުލް ޑޯޒަރު ބޭނުންކޮށްގެން ފަސް ދުވަސް ވަންދެން ހިންގި އޮޕަރޭޝަނާއެކު ރޭ ދަންވަރުގެ ވަގުތެއްގައި ރަޔާން ވަނީ ސަލާމަތް ކުރެވިފަ އެވެ. ސަލާމަތް ކުރެވުނު އިރު ފުރާނަ ހުރި ނަމަވެސް ރަޔާންގެ މައިބަދައަށާއި އަތްފައިގެ ގިނަ ކަށިތަކެއް ބިނދި ނަފްސާނީ ގޮތުން ވެސް ވަރަށް ބަލިކަށިވެފައިވާ ކަމަށް އޭނާއަށް އަވަސް ފަރުވާ ދިން ޓީމުން ބުނެފައިވެ އެވެ.
ސަލާމަތް ކުރެވުމާއެކު އަވަސް ފަރުވާ ދިން ނަމަވެސް ތުއްތު ރަޔާންގެ ފުރާނަ ސަލާމަތް ނުކުރެވުނުކަން ޔަގީން ކޮށްދިނީ އެގައުމުގެ ގަނޑުވަރުން ނެރުނު ބަޔާނެއްގަ އެވެ. މި ހިތާމަވެރި ހާދިސާއާއެކު އެގައުމުގެ ރަސްގެފާނު މުހައްމަދު ވަނީ ރަޔާންގެ މައިންބަފައިންނަށް ފޯނުން ގުޅުއްވައި ތައުޒިޔާ ވިދާޅުވެފަ އެވެ.
ރަޔާން ސަލާމަތް ކުރަން ހިންގި އޮޕަރޭޝަނަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ. އެގޮތުން ސޭވްރަޔާންގެ ނަމުގައި ޓްވިޓާ ހޭޝްޓެގްއެއް މި ފަސް ދުވަހު ޓްރެންޑްވި އެވެ. ރަޔާންގެ މަރާއެކު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން އަންނަނީ ހިތާމަ ފާޅުކޮށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރަމުންނެވެ.