ކައިލީ ޖެނާ ދެވަނަ ދަރިއަކު ވިހެއުމާ ގުޅިގެން ކާޑޭޝިއަން އާއިލާއިން އެކަން ފާހަގަކޮށްފި އެވެ.

ކައިލީގެ ފުރަތަމަ ދަރިފުޅާއި، ދެވަނަ ދަރިފުޅުގެ އުފަންދުވަސް ފާހަގަކުރީ ދާދި އެއް ދުވަހެއްގަ އެވެ.

ކައިލީ ޖެނާ އަދި ޓްރާވިސް ސްކޮޓްއަށް އެ މީހުންގެ އަލަތު ދަރިފުޅު ސްޓޯމީ ލިބިފައި ވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު އެވެ.

ދަރިފުޅު ލިބުނުތާ މާގިނަ ދުވަހެއް ނުވެ އެ މީހުންގެ ގުޅުން ނިމުމަކަށް ގެނައި ނަމަވެސް ދަރިފުޅަށްޓަކައި އަބަދުވެސް ދެ މީހުން އެކުގައި ވަރަށް ގާތް ގުޅުމެއް ބާއްވަމުން ދެ އެވެ.

މި ދެ މީހުން އަލުން ޑޭޓްކުރަމުންދާ ކަމުގެ ހަބަރުތައް އާއްމުވުމަށްފަހު އަނެއްކާ ވެސް ކައިލީ ދެވަނަ ދަރިފުޅަށް ބަނޑުބޮޑުކަން ވަނީ ހާމަވެފަ އެވެ. އެއަށްފަހު ކައިލީ ވަނީ ސޯޝަލް މީޑިއާގައި އޭނާގެ ދަރިފުޅު ވިހައިފިކަން ހާމަކޮށްފަ އެވެ.

ކައިލީއަށް މިފަހަރު ލިބުނީ ފިރިހެން ކުއްޖެކެވެ.

ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޯގައި އޭނާގެ ދަރިފުޅުގެ އަތުގެ ފޮޓޯއެއް ފޭނުންނާ ހިއްސާކޮށްފައިވެ އެވެ. އަދި އެ ފޮޓޯގެ ކެޕްޝަންގައި އޭނާ ޖެހީ "2/2/22," އެވެ. އަދި އޭނާގެ ޕޯސްޓަށް ކާޑޭޝިއަން އާއިލާގެ އެކި މެމްބަރުންނާއި ގާތްތިމާގެ މީހުން މަރުހަބާ ކިޔާފައިވެ އެވެ.