ބޮލީވުޑްގެ މަޝްހޫރު ފަންނާނު ކަންގަނާ ރަނާއުތްގެ ރިއާލިޓީ ޝޯ "ލޮކް އަޕް" ގައި ބިގް ބޮސްއިން މަޝްހޫރުކަން ހޯދި ޝެހެނާޒް ގިލް ފެނިގެންދާނެ ކަމަށް ހަބަރު ފެތުރިއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ޝެހެނާޒް ގިލްގެ ލޯބިވެރިޔާ ކަމަށްވާ ސިދުހާތު ޝުކްލާ ކުއްލިގޮތަކަށް މަރުވުމުން ޝެހެނާޒް ވަނީ ވަރަށް ބޮޑު ހިތާމައަކާ ކުރިމަތިލާން ޖެހިފަ އެވެ.

ސިދާތު މަރުވި ދުވަސްވަރު މީޑިއާގެ ނަޒަރުން ފިލުމަށް ޝެހެނާޒް މަސައްކަތް ކުރި ކަމަށާއި، އެހެން ނަމަވެސް މަޑުމަޑުން ޝެހެނާޒް އަނެއްކާ ވެސް އެންމެންގެ ކުރިމަށްޗަށް ނިކުންނަން ފަށާފައިވާ ކަމަށްވެ އެވެ.

ކަންގަނާ ގެނެސްދޭ މި ޝޯގައި ބޮލީވުޑްގެ މަޝްހޫރު 16 ފަންނާނުން ބައިވެރިކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ޝެހެނާޒް ވެސް ހިމެނޭ ކަމަށް އިންޑިއާގެ ނޫސްތަކުން މިއަދު ވަނީ ބުނެފަ އެވެ. ހަމައެހެންމެ މި ޝޯއަށް ޝެހެނާޒް ދިއުމާއެކު އޭނާއަށް ސިދްހާރްތްގެ މަރުގެ ސަބަބުން ކުރިމަތިލާން ޖެހިފައިވާ ހިތާމަތަކާ ދުރަށް ދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.

އިއްޔެގެ ވަގުތެއްގައި ލޮކް އަޕްގެ ޓީޒާ ދައްކާލާފައި ވާއިރު، މި ޝޯ ވެސް ވެގެންދާނީ ބިގް ބޮސް ކަހަލަ ޝޯ އަކަށެވެ. ނަމަވެސް ބިގްބޮސް އާއި ހިލާފަށް ލޮކްއަޕްގައި ބައިވެރިންނަށް ކުރިމަތިލާން ޖެހޭ ކަންތައްތައް އުނދަގޫ ވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

ކަންގަނާގެ ލޮކް އަޕް ޝޯ އާންމުންނަށް ގެނެސްދިނުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. މި ޝޯ އާންމުންނަށް ގެނެސްދޭނީ އެމްއެކްސް ޕްލޭޔާ އަދި އޯލްޓް ބާލާޖީ މެދުވެރިކޮށެވެ.