އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ބިން ހިއްކައިގެން ފަސް ރިސޯޓެއް ހެދުމަށް ނިންމާފައިވާ މަޝްރޫއު މިހާރު މިހާރަށް ހުއްޓާލުމަށް ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ހަ ޖަމިއްޔާއަކުން ސަރުކާރަށް ގޮވާލައިފި އެވެ.

ސަރުކާރަށް މިގޮތަށް ގޮވާލީ ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި، ސޭވް މޯލްޑިވްސް އާއި، ޒީރޯ ވޭސްޓް މޯލްޑިވްސް އާއި، މޯލްޑިވްސް ރިސިލިއަންޓް ރީފްސް އާއި ލޭންޑް ސީ މޯލްޑިވްސް އަދި އިކޯކެއާ މޯލްޑިވްސް ގުޅިގެން ނެރުނު ބަޔާނެއްގައި އެވެ.

އެބަޔާނުގައި ބުނެފައިވަނީ އައްޑޫ ތަރައްގީ ކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ "އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓު" ގެ ދަށުން އައްޑޫ އަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށާއި އެ ސިޓީގެ އިގްތިސާދު ކުރިއެރުވުމަށް ފަސް ރިސޯޓު ތަރައްގީ ކުރަން 236.5 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު ހިންގައިފިނަމަ އެ ސަރަހައްދުގެ ތިމާވެއްޓަށް އަގު ނުކުރެވޭ ފަދަ ބޮޑު ގެއްލުން ލިބޭނެ ކަމަށް އީއައިއޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށާއި މިއީ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.

"މި މަޝްރޫއު ކުރިއަށް ގެންދިއުމަށް 6.9 މިލިއަން ކޮޑި މީޓަރުގެ ވެލި ބޭނުންވެއެވެ. އެއީ ގާތްގަނޑަކަށް 465 ފުޓްބޯޅަ ދަނޑުގެ ތެރެއަށް ދެ މީޓަރު އުސްމިނަށް އަޅާނެހާ ވެއްޔެވެ. އަދި މިކަމަށް ބޭނުންވާ ވެލި ނަގާނީ އައްޑޫގެ އެތެރެވަރިން ދެ ސަރަހައްދަކުން ކަމަށް އީއައިއޭ ރިޕޯޓުގައިވަނީ ފާހަގަކޮށްފަ އެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

މިފަދަ ބޮޑު ގެއްލުމެއް އައްޑޫ އަށް ދޭނެފަދަ މަޝްރޫއެއް ދައުލަތުން ހިންގުމަކީ ތިމާވެށި ހިމާޔަތް ކުރުމަށް ގާނޫނު އަސާސީގައިވާ ދެމެހެއްޓެނިވި ތަރައްގީގެ މިންގަނޑުތަކުން ބޭރުވެ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ހެދިފައިވާ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށްވެސް އެ ބަޔާނުގައި ވެ އެވެ.

ޖަމިއްޔާތަކުން ފާހަގަ ކޮށްފައިވާ ބައެއް ގެއްލުންތައް:

  • ގިނަ އަދަދެއްގެ ވެލި ނަގާ ބިންހިއްކުމުން އެ ސަރަހައްދެއް މުޅިން ކިލަނބުވެ، ކަނޑާއި ކަނޑުގައިވާ މުރަކަ ފަރުތަކާއި މަސްމަހާމެހީގެ ވެށިތައް ހަލާކުވެ މަރުވެގެންދާނެ
  • ވެލި ނަގާ ސަރަހައްދުން ފެށިގެން 5 ކިލޯމީޓަރަށް ވުރެ ވެސް ބޮޑު ސަރަހައްދަކަށް ކިލަނބުގެ އަސަރު ކުރާނެ
  • އަތޮޅު އުފެދިފައިވާ ގޮތުން މާކަނޑަށް ވަދެ ނުކުމެވޭ 4 ކަނޑުއޮޅިއޮންނަ އިރު ދެ މޫސުމުގައިވެސް އަތޮޅުގެ އޮއިވަރު އޮންނަނީ ވަރަށް ބޮޑަށް ހިފެހެއްޓިފައިކަމުން، އަތޮޅުގެ އެތެރެވަރީގައި އުފެދިގެންދާ ކިލަނބުގަނޑު ސާފުނުވެ ދިގު މުއްދަތަކަށް އޮންނާނެ
  • މިމަޝްރޫއުގެ ސަބަބުން ގާތްގަނޑަކަށް 21 ހެކްޓަރުގެ މުރަކައަށާއި 120 ހެކްޓަރުގެ މޫދުވިނައިގެ މައްޗަށް ކިސަޑު އެޅިގެން ދާނެ

އެ ޖަމިއްޔާތަކުން ވަނީ ހެދިފައިވާ ދިރާސާތަކާއި އަދި ލިބޭ ލަފަޔާއި ދެކޮޅަށް ވަކި ބައެއްގެ ވަގުތީ ފައިދާ އަށް މިފަދަ ގެއްލުން ދެނިވި މަޝްރޫއުތައް ހުއްޓުވުމަކީ ކޮންމެ ރައްޔިތެއްގެ ޒިންމާއެއް ކަމަށްވެސް ބުނެފަ އެވެ. އަދި ސަރުކާރުން ވައުދުވެފައިވާ ގޮތަށް އީޕީއޭއަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ބާރު ދިނުމަށް ވެސް ވަނީ ގޮވާލާފަ އެވެ.