ތައިލެންޑުގައި ކޮރޯނާވައިރަސްގެ ކޭސްއެއް ނުފެންނަތާ 100 ދުވަސް ހަމަވެފައިވަނިކޮށް އަނެއްކާވެސް އާ ކޭސްއެއް ފެނިއްޖެ އެވެ.

މި އާ ކޭސް ރިޕޯޓުކޮށްފައި މިވަނީ ބޭރުު ފަތުރުވެރިންނަށް ތައިލެންޑްގެ ބޯޑަރުތައް ހުޅުވުމަށްއެދި އެ ގައުމުގެ ސަރުކާރަށް ވިޔަފާރިތަކުން ޕްރެޝަރު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ކޮރޯނާ ވައިރަހާ ގުޅިގެން ދަތުރުފަތުރު ކުރުމަށް އެޅިގެންދިޔަ ހުރަސްތަކާއި އެކު ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ތައިލެންޑްގެ އިގްތިސާދުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

ތައިލެންޑުން އެންމެ ފަހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި އުމުރުން 37 އަހަރުގެ ފިރިހެނެކެވެ. ޕޮޒިޓިވްވި އިރު އޭނާ ހުރީ ބެންކޮކް ކަރެކްޝަނަލް ސެންޓަރުގަ އެވެ. ސިއްހީ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި އޭނާ އަކީ ޓްރެވަލް ހިސްޓްރީއެއް އޮތް މީހެއް ނޫން ކަމަށާއި އަދި އޭނާ ކަރަންޓީނުވެގެން ހުރި ތަނުގައި ދެން ތިބި ގައިދީން ބައްޔަށް ނެގެޓިވްވެފައިވާ ކަމަށެވެ.

"މިއީ 100 ދުވަސް ވަންދެން ކޭސްއެއް ނުފެނި ހުރެފައި ފެނުނު ލޯކަލް ޓްރާސްންމިޝަންގެ ކޭސް އެއް،" ތައިލެންޑްގެ ޑިޒީޒް ކޮންޓްރޯލް ޑިޕާޓްމެންޓްގެ ޑިރެކްޓަރ، ޑރ. ސުވަންނައްޗަލް ވައްޓަނައިންޗަރޮއެން ވިދާޅުވި އެވެ.

70 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ތައިލެންޑުން މިހާތަނަށް 3،427 ކޭސް ރިޕޯޓުކޮށްފައިވާ އިރު އޭގެ ތެރެއިން 58 މީހުން ވަނީ މަރުވެފަ އެވެ.

ތައިލެންޑަކީ ޗައިނާ ފިޔަވާ ބޭރު ގައުމަކަށް މި ބަލި ފެތުރުނު ފުރަތަމަ ގައުމެވެ. އެ ގައުމުން ރިޕޯތުކުރި ކޭސްތަކުގެ އަދަދު 1000 އަށް އެރުމުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ބޭރު މީހުން ގައުމަށް އެތެރެވުން މަނާކުރި އެވެ.

ބޯޑަރުތައް ބަންދުކުރުމުގެ ސަބަބުން ވައިރަސް ކޮންޓްރޯލް ކުރެވުނަސް ފަތުރުވެރިކަން ދަށަށް ގޮސް، އޭގެ ނޭދެވޭ އަސަރު އިގްތިސާދަށް ކުރަމުންދެ އެވެ. ވޯލްޑް ބެންކުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ތައިލެންޑްގެ ޖީޑީޕީގެ 15 އިންސައްތަ އަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ އެވެ. -ސީއެންއެން