ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ބޫސްޓާ ޑޯޒް 112،551 މީހަކު ޖަހައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 398،010 މީހަކު ޖަހާއިފައިވެ އެވެ. އަދި ދެވަނަ ޑޯޒް ޖެހި މީހުންގެ ތެރޭގައި 370،594 މީހަކު ހިމެނެ އެވެ.

މިހާތަނަށް ޖުމްލަ 112،551 މީހަކު ބޫސްޓާ ޑޯޒް ޖަހާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވާއިރު، ފާއިތުވި 24 ގަޑިއިރު ތެރޭގައި މާލެއިން 437 މީހަކު ބޫސްޓާ ޑޯޒް ފުރިހަމަ ކޮށްފައިވެ އެވެ. އަދި އަތޮޅުތެރެއިން 1،629 މީހަކު ވަނީ ބޫސްޓާ ޑޯޒް ފުރިހަމަކޮށްފަ އެވެ.

އެގޮތުން އިއްޔެ އެކަނިވެސް 2،066 މީހަކު ބޫސްޓާ ޑޯޒް ޖަހާފައިވެ އެވެ.

ބޫސްޓާ ޑޯޒް ހަމަކުރާ މީހުން، ކޮވިޑް ޖެހިފައިވާ މީހުންނާއި ޑައިިރެކްޓު ކޮންޓެކްޓް ވިނަމަވެސް ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށް އެޗްޕީއޭން ވަނީ ބުނެފަ އެވެ.

ކޮވިޑުން ސަލާމަތްވުމަށް ބޫސްޓާ ޑޯޒްގެ ގޮތުގައި ރާއްޖޭގައި ބޭނުންކުރަނީ ފައިޒާ ވެކްސިން އެވެ. މި ވެކްސިން ޖަހަނީ ދެވަނަ ޑޯޒް ފުރިހަމަ ކުރާތާ ހަ މަސް ދުވަސް ފަހުންނެވެ.

އުމުރުން 50 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް ބޫސްޓާ ޑޯޒް ޖަހަމުން ގެންދާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިމަހުގެ ފުރަތަމަ ހަފްތާގައި ސިއްހީ ދާއިރާގެ ކުރީ ސަފުގައި މަސައްކަތްކުރާ ހިދުމަތްތެރިންނަށާއި، ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޫސްޓާ ޑޯޒް ޖެހުމަށް ހުޅުވާލާނެ ކަމަށް ބުނެފައިވެ އެވެ.