ރައީސް ޔާމީންގެ ވެރިކަމުގައި އެމްޑީޕީން "ސޭވް މަޑިވަރު" ޖަހައިގެން އެއާޕޯޓް އެޅުމާ ދެކޮޅަށް ކެމްޕޭން ކުރި ޅ. މަޑިވަރު އެއާޕޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވައިދެއްވައިފި އެވެ.
މި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ މަޑިވަރު އެއާޕޯޓްގެ ދަތުރުތައް މިއަދު ފެށިގެންދިއުމަކީ ޅ. އަތޮޅުގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި ޅ. އަތޮޅަށް ނިސްބަތްވާ ރައްޔިތަކަށް ވީތީ އެމަނިކުފާނު ވެސް އެކަމާ މިއަދު އުފާވާ ކަމަށެވެ. އަދި ޅ. އަތޮޅު ރައްޔިތުން އެއާޕޯޓެއްގެ ހުވަފެން ދެކޭތާ 16 އަހަރު ވެއްޖެ ކަމަށާއި ދިގު އިންތިޒާރަކަށް ފަހު އެއާޕޯޓް މަޝްރޫއު ހަގީގަތަކަށް ހަދައިދެއްވީތީ ރައީސް ވަނީ ކުރެއްދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މޫސާ (އުއްޗު) އަށް ޝުކުރު އަދާކުރައްވާފަ އެވެ.
"މި އެއާޕޯޓް ހުޅުވިގެން ދިއުމާއެކުގައި މާލޭން އުތުރުގެ ކޮންމެ އަތޮޅެއްގައި މިއަދު މިވަނީ އެއާޕޯޓެއް ހުޅުވިފައި. ސަރުކާރުގެ އަމާޒަކީ އަޅުގަނޑުމެންގެ މެނިފެސްޓޯގައި ވެސް އޮތްފަދައިން ތިރީސް މިނިޓުން މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެވޭ ހިސާބުގައި އެއާޕޯޓުތައް ގާއިމްކުރުން،" ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި މިއަރުގެ ތެރޭގައި އިތުރު ދެ އެއާޕޯޓު ހުޅުވިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއީ ފަރެސްމާތޮޑާ އެއާޕޯޓާއި މ. މުލީ އެއާޕޯޓު. އޭގެ އިތުރުން އިތުރު ހަތް އެއާޕޯޓެއްގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައި،" ރައީސް ވިދާޅުވި އެވެ.
ގައުމެއް ތަރައްގީވުމުގައި އެންމެ މުހިއްމު ކަމަކީ އެއްތަނުން އަނެއްތަނަށް ފަސޭހައިން ދަތުރު ކުރެވުމާއި މުދާ ގެންދެވުން ކަމަށާއި މިއެއާޕޯޓުގެ ސަބަބުން ފާދިއްޕޮޅަށް އިތުރު ކުރިއެރުން އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މިއަދު މަޑިވަރު އެއާޕޯޓް ރަސްމީކޮށް ހުޅުވާފައިވާއިރު، 2018ގެ އިންތިހާބުގެ ތެރޭގައި އެމްޑީޕީން ވަނީ "ސޭވް މަޑިވަރު"ގެ ނަމުގައި އެއާޕޯޓް އެޅުމާ ދެކޮޅަށް ބޮޑު ކެމްޕެއިނެއް ހިންގާފަ އެވެ. އަދި އެ ކެމްޕެއިންގައި ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެ ވަޑައިގަތެވެ.
މަޑިވަރު އެއާޕޯޓު ހިންގުން ހަވާލުކޮށްފައިވަނީ ވެސް އެ ކެމްޕޭންގައި އެންމެ އިސްކޮށް އުޅުނު އަހްމަދު ކާރިމް އާ އެވެ.
ތިޔަކަހަލަ މީހުނަށް ދިވެހިން ކިޔައި އުޅެނީ "އނގފދ"