ބޮލީވުޑްގެ މަޝްހޫރު ފަންނާނެއް ކަމަށްވާ ކަންގަނާ ރަނާއުތްގެ ރިއާލިޓީ ޝޯ "ލޮކް އަޕް" ގައި ބައިވެރިވާ ފަންނާނުންގެ ތެރޭގައި ވިކާސް ގުޕްތާ އާއި ޕްރިޔަންކް ޝަރްމާ ހިމެނުމަށް ހަމަޖެހިއްޖެ އެވެ.

ޝޯގެ ޓްރެއިލަރުގައި ކަންގަނާ ބުނާގޮތުގައި މި ޝޯގައި ބައިވެރިވުމަކީ ބިރުވެރި ހުވަފެނަކަށް ވުރެ ކުޑަކަމެއް ނޫނެވެ. އޭގެ އިތުރުން ބައިވެރިން ތިބެން ޖެހޭނީ ޖަލު ތެރޭގައި ކަމަށާއި، ބައިވެރީންނަށް މަތީ ފެންވަރުގެ ބޭނުންތަކުން ދުރުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

ބައިވެރިންނަށް ޖަލުގައި ތިބެންޖެހޭނީ އެމީހުން އެންމެ ނަފްރަތުކުރާ ފަދަ މީހުންނާއެކު ކަމަށް ވެސް ކަންގަނާ ސިފަކޮށްފައިވެ އެވެ.

އޭގެ ތެރޭގައި ޕްރިޔަންކް އާއި ވިކާސް ވެސް ހިމެނެ އެވެ.

އިންޑިއާ ނޫސްތަކުން ބުނާގޮތުގައި އެ ދެމީހުންގެ ދެމެދުގައި އެކި ކަންކަމާ ގުޅިގެން ހަމަނުޖެހުން ހިނގާފައިވެ އެވެ. އަދި މިހާތަނަށް ދެ މީހުން ސުލްހަ ވެފައިވާ ކަމުގެ ހަބަރެއް ވެސް ލިބިފައެއް ނުވެ އެވެ.

ހަމަ އެހެންމެ މި ޝޯއިން ޝެހެނާޒް ގިލްވެސް ފެނިގެން ދާނެ ކަމަށް އަޑު ފެތުރިފައިވެ އެވެ.

މި ޝޯގައި ބޮލީވުޑްގެ މަޝްހޫރު 16 ފަންނާނުން ހިމަނާނެ ކަމަށް ކަންގަނާ ބުނެފައިވެ އެވެ. އަދި އެ މީހުންނާއެކު ހިނގާނީ ކަންގަނާ ބޭނުންވާ ކަންކަން ކަމަށް ޓްރެއިލާގައި އޭނާ ވަނީ ބުނެފަ އެވެ.

ކަންގަނާގެ ލޮކް އަޕް ޝޯ އާންމުންނަށް ގެނެސްދިނުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. މި ޝޯ އާންމުންނަށް ގެނެސްދޭނީ އެމްއެކްސް ޕްލޭޔާ އަދި އޯލްޓް ބާލާޖީ މެދުވެރިކޮށެވެ.