އިނގިރޭސި ރާނީގެ ދެވަނަ ފިރިހެން ދަރިފުޅު ޕްރިންސް އެންޑުރޫގެ މައްޗަށް އެމެރިކާގެ ކޯޓެއްގައި އުފުލާފައިވާ ކުޑަކުއްޖަކާއެކު ގުޅުން ހިންގުމުގެ ދައުވާ ކޯޓުން ބޭރުގައި ހައްލުކޮށްފި އެވެ.

ރަސްމީ ހައިސިއްޔަތުން މިމައްސަލައިގެ ބައިވެރިން ވަކި އަދަދެއް ހާމަ ނުކުރިކަމުގައި ވިޔަސް މީޑިއާތަކުން ޔަގީން ކަމާއެކު ބުނާ ގޮތުގައި ކޯޓުން ބޭރުގައި މި މައްސަލަ ހައްލުކުރުމަށް ޕްރިންސް އެންޑުރޫ ދައްކަން ޖެހޭ ފައިސާގެ އަދަދު 12 މިލިއަން ޕައުންޑަށް ވުރެ ބޮޑެވެ.

މައްސަލައިގެ ފެށުން

އޮސްޓްރޭލިޔާގައި ދިރިއުޅެމުން ގެންދާ އެމެރިކާގެ އަންހެނެއް ކަމަށްވާ އުމުރުން 27 އަހަރުގެ ވާޖީނިއާ ޖިއުފްރޭ، އެމެރިކާގެ ކޯޓަކަށް ހުށަހެޅި މައްސަލައެއްގައި ވާގޮތުން ޕްރިންސް އެންޑްރޫ ވަނީ 2001 ވަނަ އަހަރު އޭނާއާ އެކު ޖިންސީ ގުޅުން ހިންގާފަ އެވެ. އޭރު ޖިއުފްރީގެ އުމުރުން 17 އަހަރެވެ. 17 އަހަރަކީ އެމެރިކާގެ ގާނޫނު ބުނާ ގޮތުން ކުޑަ ކުއްޖެއް ކަމުގައި ބެލެވޭ އުމުރެވެ.

މި އަމަލުގެ ނަތީޖާ އެއްގެ ގޮތުން މިސް ޖިއުފްރޭ އަށް ލިބުނު ނަފްސާނީ ގެއްލުމުގެ ބަދަލު ހޯދުމާއެކު ޕްރިންސް އެންޑުރޫގެ އަމަލަށް ޒިންމާދާރު ކުރުވުމަކީ ދައުވާގެ ބޭނުން ކަމުގައި ބުނެފައިވެ އެވެ. ޖިއުފްރޭ އޭނާގެ ދައުވާގައި ބުނާ ގޮތުން އުމުރުން 17 އަހަރުގައި އޭނާ މަސްއަކަތް ކުރަމުން ގެންދިޔައީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހޮޓަލެއްގެ މަސާޖް އެހީތެރިއަކަށެވެ.

އެތަނުން ދިމާވި އިނގިރޭސި އަންހެނެއްގެ އެދުމާއެކު އެމެރިކާގެ މަހުޖަނެއްކަމުގައިވާ ޖެފްރީ އެޕްސްޓެއިންއަށް މަސާޖުކޮށް ދިނުމަށް އެއްބަސްވި އެވެ. އެ ހިސާބުން އެ މީހުންނާ އުފެދުނު ގުޅުމުގެ ދަށުން އިނގިރޭސިވިލާތަށް ގެންގޮސް ޕްރިންސް އެންޑްރޫ އާ ބައްދަލު ކުރުވި ކުރުވުމަކީ މިސް ޖެފްރީގެ ދައުވާގައިވާ ގޮތުން ސެކްސް ޓްރެފިކިންގް އެވެ.

ޕްރިންސް އެންޑްރޫގެ ބަސް

އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ޖިއެފްރޭގެ ތުހުމަތުތަކަށް ޕްރިންސް އެންޑްރޫ އައީ އިންކާރު ކުރަމުންނެވެ.

އެންޑްރޫ ބުނާ ގޮތުންނަމަ އެ އަންމީހާ އާ ބައްދަލުވިކަން ވެސް އޭނާއަކަށް ނޭނގެ އެވެ. އެހެން ނަމަވެސް އެ ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެއް މީޑިއާގައި ދައުރުވާން ފެށުމުން އެންޑްރޫގެ މައްޗަށް ގިނަ ބައެއްގެ އިނގިލި ދިއްކުރެވެން ފެށި އެވެ.

މައްސަލައިގެ ޕްރެޝަރު އިނގިރޭސި ޝާހީ އާއިލާއަށް ބޮޑުވުމާއެކު ރާނީ ވަނީ އެންޑްރޫގެ ހުރިހާ މިލިޓަރީ ލަގަބުތަކެއް ނަގައިފަ އެވެ.

މައްސަލަ ހައްލުވީ ކިހިނެއް؟

އެމެރިކާގެ ކޯޓަށް މައްސަލަ ހުށަހެޅުމާއެކު އެ މައްސަލަ ހުއްޓުވަން އެންޑްރޫގެ ވަކީލުން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެގޮތުން ނެގި އެންމެ މުހިންމު ނުކުތާއަކީ މިސް ޖިއުފްރޭ، ޖެފްރީ އެޕްސްޓެއިންއާއެކު 2009 ވަނަ އަހަރު ހަދާފައި އޮތް ސެޓްލްމެންޓް އެއްބަސް ވުމެކެވެ.

އެ އެއްބަސްވުމުގައި ވާގޮތުން އެޕްސްޓެއިން އާއި ޖިއޮފްރޭ އާ ދެމެދު ހިނގާފައިވާ ގުޅުންތަކާ ގުޅޭ އެއްވެސް މީހަކާ ދެކޮޅަށް ޖިއޮފްރޭއަކަށް ދައުވާއެއް ނުކުރެވޭނެ އެވެ.

އެ އެއްބަސްވުމާއެކު 500،000 އެމެރިކާ ޑޮލަރު މިސް ޖިއޮފްރޭއަށް ލިބިފައިވެ އެވެ.

އެންޑްރޫގެ ދިފާއީ ވަކީލުންގެ ޓީމުން ނެގި މިޕޮއިންޓު ބަލައިނުގެން އެމެރިކާގެ ޖަޖް ނިންމީ މައްސަލަ ކުރިޔަށް ގެންދެވޭނެ ކަމަށެވެ.

މައްސަލަ ހުއްޓުވަން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުނުވުމުން އެންޑުރޫގެ ވަކީލުން ވަނީ މިސް ޖިއޮފްރޭ އާއެކު ކޯޓުން ބޭރުން އެއްބަސްވުމެއް ހަދައި މައްސަލަ ހުއްޓުވާފަ އެވެ.

ކޯޓުން ބޭރުން މައްސަލަ ހައްލު ކުރުމަށް އެކުލަވައިލެވުނު އެއްބަސްވުމުގައި ޕްރިންސް އެންޑްރޫ ވަކި ކަމަކަށް އެއްބަސްވެ ނުވަތަ މައާފަށް އެދިފައެއް ވެސް ނުވެ އެވެ.

އެންޑްރޫ ބުނެފައި ވަނީ އޭނާޔަށް ޖެފްރީ އެޕްސްޓެއިން އާއެކު ބޭއްވުނު ގާތް ގުޅުމަށް ހިތާމަކުރާ ކަމަށާއި މިސް ޖިއޮފްރޭގެ ހިތްވަރަށް ތައުރީފުކުރާ ކަމަށެވެ. ދެފަރާތުގެ މެދުގައި އެކުލަވާލެވުނު އެއްބަސްވުމުގައި އެންޑުރޫ ދޭން އެއްބަސްވި ފައިސާގެ މިންވަރެއް ނެތް ކަމުގައި ވިޔަސް ތަޖުރިބާ ކާރުން ލަފާ ކުރަނީ އެ އަދަދު 12 މިލިއަން ޕައުންޑަށް ވުރެ މަދު ނުވާނެ ކަމަށެވެ.