ކުނި ނައްތާލުމުގައި ނަމޫނާ ރަށަކަށް ހެދުމަށް ދ.ކުޑަހުވަދޫގައި މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އިން ޕްރޮގްރާމެއް ފަށައިފި އެވެ.
މޯޕާ އިން މި ޕްރޮގްރާމް އިފްތިތާހުކޮށްފައިވަނީ "އޮން ދަ ގްރައުންޑް، އިންދަ ސީ: ވޭސްޓް ސެގްރެގޭޝަން މޮޑެލް އައިލެންޑް ކުޑަހުވަދޫ"ގެ ނަމުގަ އެވެ.
"މި ޕްރޮގްރާމަކީ މޯޕާގެ މުހިންމު އެއް ޕްރޮޖެކްޓް. މިދިޔަ އަހަރުގެ ކުރީކޮޅު މި ޕްރޮގްރާމް ހިޔާލަށް ގެނެސް މިއަހަރު މިކަން ފެށިގެން ދިޔުމަކީ ލިބުނު އުފަލެއް. ގޭބިސީތަކުން އުފައްދާ ކުނި ވެސް ވަކިކުރުމަށްފަހު، ކުނި ނައްތާލުމުގެ އައު ގަވާއިދަށް ފުރިހަމައަށް އަމަލުކުރާ ފުރަތަމަ ރަށް ކަމުގައި ކުޑަހުވަދޫ ވެވިދާނެ،" މޯޕާގެ ފައުންޑާ އަދި ޗެއާމަން ތޯރިގް އިބްރާހީމް ވިދާޅުވެފައިވެ އެވެ.
މި ރަސްމިއްޔާތު ކުޑަހުވަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ބާއްވާފައިވާއިރު، މޯޕާއިން ވަނީ ކުނި ނެގުމަށް ބޭނުންކުރާ ޑަސްޕިން އެރަށު ކައުންސިލާއި ހަވާލުކޮށްފަ އެވެ. އޭގެ އިތުރުން ދ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުނި ނައްތާލައި، ރީސައިކަލް ކުރުމާއި ގުޅޭގޮތުން ހޭޅުންތެރިކަމުގެ ސެޝަނެއްވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.
"ކުޑަހުވަދޫ ކައުންސިލާއި އެރަށު ރައްޔިތުން ތިބީ، މޯޕާއިން ފަށާފައި މިވާ ޕްރޮގްރާމް ކާމިޔާބުކަމާއި އެކު ކުރިއަށް ގެންދަން ތައްޔާރަށް. އަޅުގަނޑުމެން އަމާޒު ކުރަނީ ކުނި ނައްތާލުމުގެ އައު ގަވާއިދަށް އެންމެ ފުރަތަމަ އަމަލު ކުރާ ރަށަކަށް ވުން،" ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ފިކުރީ ވިދާޅުވި އެވެ.
މޯޕާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް މެދުވެރިކޮށް އެރަށުގެ ކޮންމެ ގެއަކަށް ދެ ޑަސްބިންގެ މަގުން 1000 ޑަސްބިން ހަދިޔާ ކުރުމަށް ނިންމާފައިވެ އެވެ. އޭގެ އިތުރުން ޕްލާސްޓިކް، ދަގަނޑު އަދި ބިއްލޫރި ފަދަ ބާވަތްތައް ވަކިކުރުމަށް ގަނީ ބޭގްވެސް ގޭބީސީތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެ އެވެ.
މޯޕާއާ އެކުގައި މި ޕްރޮގްރާމްގައި އެރަށު ކައުންސިލްގެ އިތުރުން އެ ޖަމިއްޔާގެ ޕާޓްނަރުންވެސް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. ހަމައެހެންމެ، ދާލު އެއާޕޯޓް، މަންޓާ އެއާ، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ލިމިޓެޑް،ލިވް އެންޑް ލާން، އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފިޝިން، ދ. އަތޮޅު ތައުލީމީ މަރުކަޒު، އަދި ވެސްޓް މެރިންގެ އިތުރުން ކުޑަހުވަދޫ ވޭސްޓް މެނޭޖްމަންޓު ސެންޓަރާއި، ކުޑަހުވަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީންވެސް މި ޕްރޮގްރާމަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.