ރާއްޖޭގައި ކުށްކުރާ މީހުންގެ ނިސްބަތް އިތުރުވަމުންދާ ކަމަށާއި، މިއީ ދައުލަތުގެ ނިސްބަތުން ވިސްނާ ފިކުރުކޮށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގި "ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް" ކޯހުގެ ތިންވަނަ ބެޗް ފުރިހަމަކުރި ބައިވެރިންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ތަކުރާރުކޮށް ކުށްކުރާ މީހުން ކަރެކްޝަނުން ބެލެހެއްޓުމަށްފަހު، މުޖްތަމައަށް ފައިދާހުރި ބައެއްގެ ގޮތުގައި ނެރުމަށް ކުރެވޭ މަސައްކަތަށް އިލްމީ ގާބިލު އޮފިސަރުން ބިނާކުރަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި ކުށްކުރާ މީހުންގެ ނިސްބަތް ގިނަކަމާއި، އެއީ ދައުލަތުގެ ނިސްބަތުން ވިސްނާ ފިކުރުކޮށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމެއް ކަމަށް އިމްރާން ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ، ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް 23 ކޯހެއް ހިންގައި، 360 މުވައްޒަފުންނަށް ފުރުސަތުދީ، އޭގެ ތެރެއިން 138 މުވައްޒަފުން ކޯސްތައް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މިހާރު ވެސް 28 ޕަސެންޓް ގްރެޖުއޭޓުންނާއި، ސެޓްފިކެޓްގެ އެކި ލެވެލް ހަދާފައިވާ 62 ޕަސެންޓް މުވައްޒަފުންނާއި، 10 ޕަސެންޓް އޯލެވެލް ފެންވަރުގެ މުވައްޒަފުން އެމްސީއެސްގައި މަސައްކަތްކުރަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް ފާހަގަކުރެއްވި އެވެ.

ކަރެކްޝަނަލް ސާވިސްގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގި "ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް" ކޯހުގެ ތިންވަނަ ބެޗް ފުރިހަމަކުރި ބައިވެރިންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަދައްކަވަނީ. ފޮޓޯ: ކަރެކްޝަންސް

ކޮމިޝަނަރު ވިދާޅުވީ އެމްސީއެސްގެ އަމާޒަކީ ހަރުދަނާ އެޑިއުކޭޝަނަލް ޕޮލިސީއެއް ތަންފީޒުކޮށް، 2025 ވަނަ އަހަރާހަމައަށް 50-60 އިންސައްތަ ގްރޭޖުއޭޓުންނަށް އިތުރުކުރުން ކަމަށެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯސް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 10ގަ ގަ އެވެ.

މި ކޯހުގެ ތިން ވަނަ ބެޗްގައި އެކި ޖަލުތަކުން ޖުމްލަ 28 އޮފިސަރުން ވަނީ ބައިވެރިވެފަ އެވެ. ނަމަވެސް މި ކޯސް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވަނީ 14 މުވައްޒަފުންނެވެ. އެކި ސަބަބުތަކާ ގުޅިގެން ހަ ދަރިވަރަކު ވަނީ މި ކޯހުން ވަކިވެފަ އެވެ.

މި ކޯސް ފަރުމާކޮށްފައި ވަނީ އެމްސީއެސްގެ މަސައްކަތްތަކަށް ޚާއްސަކޮށެވެ.

މި ކޯހުގެ މައިގަނޑު މަގުސަދަކީ ޕްރިޒަން އޮފިސަރުންނަކީ ތަޢުލީމީ ގޮތުންނާއި ހުނަރުގެ ގޮތުން ގާބިލް ބަޔަކަށް ހެދުމާއި، މެނޭޖްމަންޓް ލެވަލްގައި ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްތައް ދަސްކޮށްދިނުމެވެ. މިއީ ރާއްޖޭގައި ހިންގޭ މިޒާތުގެ ފުރަތަމަ ކޯހެވެ. މިކޯސް ފުރިހަމަކުރި ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް ފަހެއްގެ ފެންވަރަށް ބަލައިގަންނަ ސެޓްފިކެޓެއް ލިބިގެންދާނެ އެވެ.